ޚަބަރު ސަރުކާރު ސިޔާސީ

އިގުތިސާދީ މަންފާ ލިބޭގޮތަށް ފުވައްމުލަކަށް ފަޅުރަށެއް ހޯދައިދެނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ފުވައްމުލައް ސިޓީއަށް އިޤުތިޞާދީ މަންފާ ލިބޭގޮތަށް ފަޅުރަށެއް ހޯދުމުގައި އެއްބާރުލުންދީ ސީދާ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ފުވައްމުލައް ސިޓީގެ ޞިއްޙީ ޚިދުމަތްތައް މިހާރު ހުރީ ހުންނަންވީ ފެންވަރެއްގައި ނޫން ކަން ފާހަގަަކުރައްވާ ރައީސް ވަނީ އެ ސިޓީގައި މި ސަރުކާރުން ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ގެންނެވި ބަދަލާއެކު ފުވައްމުލައް ސިޓީއަށް އިޤުތިޞާދީ މަންފާ ލިބޭގޮތަށް ފަޅުރަށެއް ހޯދުމުގައި އެއްބާރުލުންދީ ސީދާ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭނެ 3 ސަރަޙައްދެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި އަދި ބަނދަރު ބޮޑުކޮށް އަލުން ތަރައްޤީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ގިނަ ބޭނުންތަކަށް ފުދޭ ބަނދަރެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ފެށުން ކަމުގައެވެ. ފުވައްމުލައް ސިޓީގައި މިއަދު ޢަމަލީ މަސައްކަތް ފެށްޓެވި މަޝްރޫޢުގެ ދަށުން ޖުމްލަ 12 ކިލޯމީޓަރުގެ މަގު ހަދާނެއެވެ.

މީގެ އިތުރުން އ.ތ.މ. ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ޤާނޫނު އޮތްގޮތުން ހުރަސްތަކެއް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުން އެދެމުންދާ އެލަވަންސްތައް ހޯދައިދިނުމަށް ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާނެ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!