ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ އިޤްތިޞާދުގައި ބުންވަރު ހުރެގެން: ރައީސް

ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިއަށް ގެންދެވޭނީ އިޤްތިޞާދުގައި ބުންވަރު ހުރެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްްވި ބައްދަލުވުމުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އަމިއްލަ ފަރާތްތަކަށް ނުދީ ނުވަ ބިލިއަން ރުފިޔާ ހުރި ކަމަށާއި އެ ފައިސާތައް ދެއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ހަމަ އެހެންމެ ކުރީ ސަރުކާރުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ބޭރުގެ ދަރަނިވެސް ހުރީ 120 ބިލިއަން ރުފިޔާގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ދަަރަނިތަކުގެ ސަބަބުން ސަރުކާރަށް ބޮޑެތި ދަތިތަކެއް ހުރި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދެވޭނީ އިޤްތިޞާދުގައި ބުންވަރު ހުރެގެން ކަމަށެވެ.
މީގެ އިތުރުން އިޤްތިޞާދު ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަަނީ ފައިސާ ޗާޕް ކުރުން ހުއްޓާލައިގެން ކަމަށެވެ.
ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މިއަދު ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވާފައެވެ މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލަށް ވަނީ ހަދިޔާކުރައްވާފައެވެ.