ބީއެމްއެލް އިން ވަކިކުރި މުވައްޒަފަކަށް 7 އަހަރުފަހުން ވަޒީފާދޭން ހުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިިން ވަކިކުރި މުވައްޒަފަކަށް 7 އަހަރުފަހުން ވަޒީފާ ދޭން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެގޮތުން ވަޒީފާ ދޭން ހުކުމް ކޮށްފައި ވަނީ ފުވައްމުލަކު ދޫޑިގަމް، މަލީޝާ، ފާތިމަތު މަލީހާ ޖަމާލު އަށެވެ. މަލީހާ ބެންކުގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑްގެ މަގާމުގައި ހުންނެވި މަލީހާ ވަޒީފާ އިން ވަކިކުރީ އިތުރު މުވައްޒަފުން ތަކަކާއެކު ސްރީލަންކާ އަށް ކުރި ތަމްރީނު ދަތުރަށްފަހު ނުކުރާ ހަރަދުތަކަކަށް ބޭންކުން ފައިސާ ހޯދަން އުޅުނު ކަމަށް ބުނެއެވެ.
ވަޒީފާއިން ވަކިކުރުމުން މަލީހާގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ތަނުން ވަނީ މަލީހާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި ވަޒީފާ އަލުން އިއާދަކޮށް ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އިއާދަކުރާ ތާރީހާ ހަމައަށްވާ ފައިސާ ދިނުމަށް ބޭންކަށް އަންގާފައެވެ.
އެ ނިންމުން ބޭންކުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2016 ވަނަ އަހަރު ހައިކޯޓުން ވެސް ތާއީދުކުރީ ޓްރައިބިއުނަލްގެ ނިންމުމަށެވެ. އެއާއެކު ރާއްޖޭގެ އެންމެ މަތީ ކޯޓަށް މި މައްސަލަ ބީއެމްއެލް އިން ވެއްދިއިރު އެ ކޯޓުން މިއަދު އެ މައްސަލާގައި ކުރި ހުކުމުގައި ވެސް ވަނީ ހައިކޯޓަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައެޅީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެގޮތުން މަލީހާ އަށް ފިޔަވަޅު އަޅާފައިވަނީ އެ ދަތުރުގައި އޭނާއާއެކު ދެން ބައިވެރިވި މުވައްޒަފުންގެ ބަހެއް ހޯދުމަކާ ނުލައި ކަމަށާއި އެހެންކަމުން މިއީ އެއް ހަމައަކުން މުވައްޒަފުންނާ މެދު ބޭންކުން އަމަލު ކޮށްފައި ނެތްކަން ހާމަވާ ކަމެއް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި މަލީހާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އެވެ.