ޒަކާތު ފަންޑުން އަހަރަކު 10 ކުދިންގެ ބޯންމެރޯ ހަދައިދޭން އެއްބަސްވެއްޖެ
ޒަކާތު ފަންޑުން އަހަރަކު 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އެހީ ދިނުމަށް ހެލްތު މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމްއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާ އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާ 50 ކުދިންގެ ބޯންމެރޯ ހަދާނެއެވެ. އަދި މި އެ އެއްބަސްވުމުގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭނެއެެވެ.
ހެލްތު މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ހަރުދަނާ ގޮތެއްގައި ޒަކާތު ފަންޑުން އެހީލިބިގެން ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމުގެ ކަންކަން ކުރިއަށް އޮތް 5 އަހަރު ދުވަހު ކުރިއަަށްދާނެ ކަމަށެވެ.
ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމެވެ. އަދި ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް ފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހަދައި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަންޖެހެ އެވެ.
ޒަކާތު ފަންޑުން ބޯން މެރޯ ހެދުމަށް ކުދިން ފޮނުވަން ނިންމާފައިވާއިރު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހަފްތާ 14 ގެ ސިއްހީ ވައުދުގެ ދަށުން ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިދިޔަ ދެ މަހު 5 ކުއްޖަކު ފޮނުވާފައި ވެއެވެ. އަދި ތެލެސީމިއާ ކުދިންނަށް ފަސޭހައިން ބޭހާއި ކޮންސިއުމަބަލް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި, އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދައި, ރަށުގައި ތިބެގެން ބޭސް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާފައެވެ. މީގެ އިތުރުން ޕްރައިވެޓް ހެލްތު ކެއާ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާ ޓެސްޓް" ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.