55 އަހަރުގައި ރިޓަޔާވާ މުވައްޒަފުންނަށް އެލެވަންސެއް ހަމަޖައްސައިދޭނަން: ރައީސް
އުމުރުން 55 އަހަރުގައި މަސައްކަތުން ރިޓަޔާވާ ސިވިލް ސާވިސް މުވައްޒަފުންނަށް އެލަވަންސެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު ނިޒާމް އޮންނަ ގޮތުން އަމިއްލައަށް ރިޓަޔާ ކުރެވޭ އުމުރަކީ 55 އަހަރެވެ. އެފަދަ މީހުންނަށް 65 އަހަރުވުމާ ހަމައަށް އެއްވެސް އިތުރު އެލަވަންސެއް ނުލިބެއެވެ.
އެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައިވަނީ ރައީސާ ސީދާ ސުވާލުކުރުމަށް ރައީސް އޮފީހުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ގއ. ގެމަނަފުށީ ސުކޫލު ޓީޗަރެއް ކަމަށްވާ މުހައްމަދު ނާފިޒެވެ.
އޭނާ ބުނީ, އެ އުމުރުގައި ރިޓަޔާ ވާއިރު އެލަވަންސެއް ނުލިބޭތީ އެއީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައްޔެއްގެ ސަބަބުން 55 އަހަރުވެގެން ރިޓަޔާ ވެގެން ވަޑައިގަންނަވާ ބޭފުޅުން ވެސް އުޅުއްވާނެ. އެހެންވީމާ އަޅުގަނޑުމެންގެ ޕެންޝަންގެ ކަންކަން ތަންކޮޅެއް ރަނގަޅުގޮތަކަށް ހަމަޖެހިގެން ދިއުމަށް އެދެން," އޭނާ ރައީސްގެ އަރިހުގައި ބުނެފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ފަށައިގެން އޭޖީ އޮފީހާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. މިއީ ގާނޫނަކުން ގެންނަން ޖެހޭ ބަދަލެއް ކަމަށާއި މަޖިލިސް ތެރެއިން ފާސްކުރަން ޖެހޭ އިސްލާހުތަކެއް ހުރި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރާނަން. އަޅުގަނޑުމެން ވައުދުވީ ގޮތަށް އެ ކަމަށް ހައްލެއް ގެނެސްދޭނަން," ރައީސް ވިދާޅުވިއެވެ.
55 އަހަރުގައި ރިޓަޔާ ވާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ގދ. ތިނަދޫގައި ބޭއްވި ޖަލްސާގަ އެވެ.
55 އަހަރުގައި ރިޓަޔާވާ ޖެހޭ ގްތައް އޮތް ނަމަވެސް އޭގެ ކުރީން ރިޓަޔާވާން ބޭނުން ވާ ފަރާތްކަށް ވެސް ބޭސިކް ސެލަރީގަ 25 އަހަރާ 30 އަހަރު ހިޒުމަށް ކޮފަ ވާ ފަރާތް ތަކަށް އެފުރުސަތު ލިބޭނެ ގޮތް ވުމަކީ ހިތްހަމަޖޭހޭނެ ތާ..
ޢުމުރުން 50 ޢާއި 55 އުމުރުގެ މީހުންގެ ތެރެއިން އެފުރުސަތު ލިބެންވާނެ ކަމަށް ފެނޭ