ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ޚިދުމަތް ފަށާނީ ދުނިޔޭގެ އެންމެ ވަރުގަދަ 10 ކުންފުނީގެ ތެރެއިން ކުންފުންޏަކާ ގުޅިގެން: ސައީދު
ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ޙިދުމަތް އަންނަ ޖުލައިމަހު ފެށޭނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުތިލަދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހއ. ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންއެވެ.
ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދެ ހަފްތާ ތެރޭގައި ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ އެއް ކުންފުންޏަކާއެކު ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް މަޝްވަރާ ކުރާނެކަމަށެވެ. އަދި ކުރިއަތް އޮތް ދެ މަހެއްހާ ދުވަހުން މަސައްކަތްކޮށް އަންނަ ޖުލައި މަހު ބަންކަރިންގެ ވިޔަފާރި ބޮޑު ތިލަދުންމަތީގައި ފެށިގެން ދާނެކަމަށެވެ.
ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތާއެކު އެ ސަރަހައްދުގައިި ވަޒީފާގެ ފުރުޞަތު އިތުރުވެ ރާއްޖޭގެ އާމްދަނީ އިތުރުވެގެން ދާނެކަމަށެވެ. މީގެ އިތުރުން ފޮރިން ކަރަންސީއަށް އީޖާދީ ދޮރެއް ހުޅުވިގެން ދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ނަމުގައި ފްރީޒޯން ކުންފުންޏެއް އުފައްދާއި ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދޫ ކުރިމަތީގައި އޮންނަ އިންޑަސްޓްރިއަލް ފަޅު އެކުންފުނީގެ އެސެޓްގައި ހިމަނާފައިކަމަށެވެ.
އެގޮތުން މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭގެ ނަމުގައި ފަށާ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫރިޕައިން ކުންފުންޏައާއެކު މިހާރު މަޝްވަރާ ކުރަމުންދާކަމަށެވެ.
"މުޅި ރާއްޖޭގެ އިޤްތިޞާދުގެ ލޭންޑް ޔޫސް ޕްލޭން ކުރަން ހުރި ހުރިހާ ކަމެއްގެ ބިންގާ އެހުރީ އެޅިފައި. މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ނަމުގައި ފްރީ ޒޯން ކުންފުންޏެއް ރަޖިސްޓްރީ ކުރެވި މި ރަށުގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދޫ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅުއެވަނީ އެ ކުންފުނީގެ އެސެޓައް ކޮންވާޓް ކޮށްދީފައި. އަދި އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ފަށާ މަސައްކަތުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ" ސައީދު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި އަހަރު ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް ތަޢާރަފް ކުރެވިގެން ދާނެކަމަށެވެ. އަދި މި ބޭންކުން ރައްޔިތުންގެ ތަރައްޤީއަށް ފައިސާ ދިނުމުގައި މިހާރަށް ވުރެ ލުއިގޮތްތަކެއް ފަހިވެގެން ދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ނޫސްވެރިޔާ ވަރަށް ރަނގަޅަށް މި ޚަބަރު ލިޔުއްވާފައި އޮތުމުން އެކަން ފާހަގަ ކޮށްލަން