ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލާއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 3 މަސްދުވަހުގެ ތެރޭގައި ފަންޑަށް 30 މިލިއަން އެމެރިކާ ޑޮލަރު އެހެރީ ޖަމާކޮށްފައިވާ ކަމަށެވެ.
"މިއީ ވެރިންނަކީ. މިއީ ޤައުމު ދެކެ ލޯބިވާ ވެރިންނަކީ. މި ރޭޝިއޯއިން ބަލާއިރު އަހަރެއްގެ ތެރޭ 130 މިލިއަން ޑޮލަރު ފަހަށް ރައްކާ ކުރެވޭ މި ފަންޑަށް ޖަމާވާނެ. ޒިންމާދާރު ރިފޯމުތަކާއެކު މި ޤައުމުގެ ކުރިމަގު ދާނީ ބާރު ސްޕީޑުގައި ކުރިއަށް"
ސައީދު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ.
އަދި ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފައިސާ ޗާޕުކޮށް ދިވެހި ރުފިޔާގެ އަގު ވެއްޓިފައިވާ ކަމަށާއި ނަމަވެސް އެކަން ނިމުމަކަށް ގެނެސް ރައީސް ޑރ. މުޢިއްޒު އަލުން ރުފިޔާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.