އެއަރ އެމްބިއުލާންސް ތައްޔާރުކޮށްފައިވަނީ އެމަރޖެންސީ ފަރުވާ އޭގައި ދެވޭގޮތަށް: އައިލެންޑް އޭވިއޭޝަން
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޯޓު ތައްޔާރުކޮށްފައި ވަނީ އެމަރޖެންސީ ފަރުވާ އޭގައި ދެވޭގޮތަށް، ކަމަށް އިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިހެން ބުނެފައި މިވަނީ އެއަރ އެމްބިއުލާންސްގެ ރައްކާތެރިކަމާއި މެެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން މިކަމަށް އިޝާރާތްކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރު ކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއް ކަމަށެވެ.
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުތައް ގެނައުމުގެ ކުރިން އެ ބޯޓަކީ އެކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ބޭނުންކުރަމުންދިޔަ ބޯޓެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
މިގޮތުން އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޯޓު ތައްޔާރުކޮށްފައި ވަނީ އެމަރޖެންސީ ފަރުވާ އޭގައި ދެވޭގޮތަށް، މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮށްގެން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކުންފުނިން މަތިންދާ ބޯޓް ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަންދޭނީ ކްރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްކަން އައިލެންޑް އޭވިއޭޝަނުން ވަނީ ޔަޤީންކަން އަރުވާފައެވެ.