މިނިސްޓްރީތަކުގެ އަދަދާއި ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސްކުރާގޮތް ހަދަނީ
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ބިލެއް ހުށަހަޅައިފިއެވެ.
އެގޮތުން މި ބިލު މަޖިލީހަށް ފޮނުވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ މިނިސްޓްރީތަކުގެ އަދަދާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތަކާއި އެ މިނިސްޓްރީގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.
އީވާ އިސްލާހު ހުށަހަޅުއްވާފައިވާ ސަރުކާރުގެ މިނިސްޓްރީތައް ހިމެނޭ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ(ހ) ގައިވާ ގޮތުން ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހައި މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާއިރު ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސް މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.
ހަމަ އެހެންމެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށެވެ.
މިގޮތުން އެ މާއްދާ ބަދަލުކުރަން އީވާ ހުށަހަޅުއްވާފައިވާ ބިލުގައި ވާގޮތުން އެ މާއްދާގެ (ހ) ގައި ބުނަނީ ސަރުކާރުން އުފައްދާން ބޭނުންވާ އެންމެހައި މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށާއި ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީތަކުގެ އަދަދާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.
އަދި އެ މާއްދާގެ (ށ)އަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށެވެ.
މީގެ އިތުރުން މި މާއްދާގެ (ނ) ގެ ގޮތުގައި އިތުރުކުރަން އީވާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުފައްދާ ސަރުކާރުގެ މިނިސްޓްރީތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރަންވާނެ ކަަމަށެވެ.