ޚަބަރު ސަރުކާރު ސިޔާސީ

ރެޔާ ދުވާލު އަޅުގަނޑުގެ ފޯކަސް މިހުރީ ރައްޔިތުންނަށް ކުރަން ހުރި ކަންކަން ކުރުމަށް: ރައީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރެޔާ ދުވާލު އެ މަނިކުފާނުގެ ފޯކަސް ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލިފުށި ސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށި ތަރައްޤީ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެ ރަށުގެ ފަތުރުވެރިކަމާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާނެ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

"އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެދޭން" ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ހަވާލުވާތާ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ހުރިހާކަމެއް ފުރިހަމަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އިއްޔެ ތަޢާރަފުކުރި އެއަރ އެމްބިއުލާންސާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވައި ރައީސް ވިދާޅުވީ ދިވެހިންނަށް އަމިއްލައަށް މި ޚިދުމަތް ދެވޭނެ ގޮތް މިކަމުގެ ސަބަބުން ހަމަޖެހިގެން ދާނެކަމުގައެވެ.

ހަމަ އެހެންމެ މި ސަރުކާރުން، ދެން ހުރި ކަންކަމުގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތް ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަށާފައިހުރި މަޝްރޫޢުތައް ނިންމުމުގައި ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މިގޮތުން އެ މަނިކުފާނު ވިދާޅުވީ މި އަހަރަށް ފާސްކޮށްފައި ހުރީ ގިނަ މަޝްރޫޢުތައް ނިންމެވޭވަރަށް ވުރެ މާ ކުޑަ ބަޖެޓެއް ދީފައިވާ ކަމަށެވެ.

އެހެންނަމަވެސް އިތުރު ގޮތްތައް ހޯއްދަވައިގެންވެސް ރަށްރަށުގެ ތަރައްޤީއަށް ފަށާފައި ހުރި މަޝްރޫޢުތައް ނިންމަވައި، އަދި އިތުރަށް މި ސަރުކާރުންވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ވަޢުދުވެފައިވާ ކަންކަންވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

އަލިފުއްޓަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަޑައިގެންނެވި ފުރަތަމަ މަންޒިލެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު މި ދެއަތޮޅުގެ އަތޮޅު ކައުންސިލާއި، ދެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!