ރައީސްގެ އާއިލާއިން ދުވަހަކުވެސް ކަރޯކޭ ލަވަ ނުކިޔާކަމެކޭ ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ހަބަރު، ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ދޮގުކޮށްފިއެވެ.
ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވުމަށް, ދައުލަތުގެ މާލިއްޔަތުން ހަރަދުކޮށްގެން މުލިއާގެއަށް ގަތް އަގުބޮޑު ކަރޯކޭ ސިސްޓަމު ގަނެފައިވާ ކަމަށް ބުނެ ސަރުކާރާ ދެކޮޅު ހަބަރު ގެނެސްދޭ ''ދިޔަވަރު'' ނަމަކަށް ކިޔާ ވެބްސައިޓަކުން ވަނީ ރިޕޯޓްކޮށްފައެވެ. ކަރޯކާ ގަނެފައިވަނީ ވިޔަފާރަވެރިޔާ ޖަނާހު އެއްލައްކަ އެމެރިކާ ޑޮލަރު ފަންޑުކޮށްދިންކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.
އެކަމާއި ގުޅޭ ގޮތުން ހެނދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ހަލީލް ވިދާޅުވީ، ރައީސްގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއްކަމަށެވެ.
''މިިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ގޭތެރޭގައި ކުރައްވާކަމެއްވެސް ނޫން'' މިއަދު ހެނދުނު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ހަލީލް ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން ފޮނުވި މެސެޖެއްގައި ހަލީލް ވިދާޅުވީ ބައެއް މީޑިއާތަކުން، އޮޅުން އެރޭ ގޮތަށް އެ ހަބަރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
''ރައީސްގެ އާއިލާއިން 'ދުވަހަކުވެސް ކަރޯކޭ ލަވަ ނުކިޔާކަމަށް' އަޅުގަނޑު ދަންނަވާފައެއް ނުވާނެ.
އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާފައި އެވަނީ 'އެފަދަ އަގުބޮޑެތި ސިސްޓަމްތައް ގަތުމަކީ ރައީސްގެ އާއިލާއިން އެއްވެސް އިރެއްގައި ކުރައްވާފައިވާ ކަމެއް ނޫން' ކަމަށް'' ހަލީލް ވިދާޅުވިއެވެ.
ފޭކްފޮޓޯތައް މީޑިއާއަށް ނެރެ، އެފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމަށް ބަޔަކު މީހުން ކުރަމުން އަންނަ މަސައްކަތެއްގެ ގޮތުގައި ހަލީލް ވަނީ ސިފަކޮށްފައެވެ.
ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުލިއާގެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެެވެ. މުލިއާގެ މަރާމަތް ނިމެންދެން ރައީސްއާ އެމަނިކުފާނުގެ އަނބިކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ ރައީސްގެ ގެކޮޅު، ދިމްޔާތުގައެވެ.