ދީން

ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރުން މުހިންމު: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރުން މުހިންމު ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ރަމަޟާންމަހަށް އިސްތިޤްބާލުކުރުން" މިއެވެ.

ހުތުބާގައި ބުނީ މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާ އެކުގައި ކަމަށާއި އެއީ ކިޔަމަންތެރިވުމުގެ މޫސުންކަމުގައި ވާތީ ކަމަށެވެ. ރަމަޟާން މަހުގެ ރޯދައަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން ކަމަށާއި ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލު ކުރުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރަން ޖެހޭ ކަމަށާއި ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަންނަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"ތަރާވީޙު ނަމާދާއި، އިޢުތިކާފަށްއިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ޞަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވާށެވެ" ހުތުބާގައި ބުންޏެވެ.

ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ހާރުކެއުން ހިމެނޭ ކަމަށާއި ބައެއްމީހުން ރަނގަޅު ކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބޭ ކަމަށް ހުތުބާގައި ބުންޏެވެ. ނަމަވެސް ދީނީގޮތުން ބަލާއިރު އެއީ ކީރިތި ރަސޫލާ z ގެ ސުންނަތާ ޚިލާފު ކަމެކެވެ. ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. (تَسَحَّرُوْا فَإِنَّ فِى السَّحُوْرِ بَرَكَةً)[1]  މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ! ފަހެ، ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއް ވެއެވެ." ކީރިތިރަސޫލާ z ޙަދީޘްކުރައްވާ ގޮތުގައި އަހުލުކިތާބީންގެ ރޯދަހިފުމާ މުސްލިމުންގެ ރޯދަހިފުމާ ދެމެދުގައިވާ އެއް ތަފާތަކީ މުސްލިމުން ރޯދަހިފުމަށްޓަކައި ހާރު ކެއުން ކަމަށާއި މީގެ އިތުރަށް ހާރުކެއުން ވީހާ ފަސްކުރުމަކީވެސް ސުންނަތެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ރަމަޟާންމަހަކީ އެކަލާނގެ ބަރަކާތުން ފުރިގެންވާ މަހެކެވެ. "އެމަހުގެ ފުރަތަމަރޭ އެކަލާނގެ، އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެއެވެ. އެކަލާނގެ ބައްލަވައިވޮޑިގެންނެވި އަޅަކު ދުވަހަކުވެސް ނަރަކައަކަށް ނުވައްދަވާނެއެވެ." ރަމަޟާންމަހުގެ ރޭތައް ރަނގަޅު ގޮތުގައި އިޙްޔާކޮށް ދިރުވުމުގެ މުހިއްމުކަން ބަޔާން ކޮށްދެއްވަމުން ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. (مَنْ قَامَ رَمَضَانَ إِيـْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[2] މާނައީ: "މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ޘަވާބު އަދައިގެން ރަމަޟާންމަހު ރޭއަޅުކަންކޮށްފި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނެތެވެ. "އެހެންކަމުން ރަމަޟާންމަހުގެ ރޭތައް ބޭކާރު ގޮތުގައި ނަގައިނުލުމަށް ވަޞިއްޔަތް ކުރާ ކަމަށް ހުތުބާގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!