ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ބޭނުމަކީ ދިވެހި އިގްތިޞާދުގެ މައްޗަށް އިންޑިއާ އިން އަތްގަދަ ކުރުން: އަދުރޭ
ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ބޭނުމަކީ ދިވެހި އިގްތިޞާދުގެ މައްޗަށް އިންޑިއާ އިން އަތްގަދަ ކުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ،
އަދުރޭ މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މީސް މީޑިއާގައި އާންމު ރައްޔިތުން ޝުއޫރު ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
އެގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ބޭނުމަކީ ދިވެހި އިގްތިޞާދުގެ މައްޗަށް އިންޑިއާ އިން އަތްގަދަ ކުރުން ކަމަށާއި ދިވެހި ވިޔަފާރިވެރިން ފުނޑާލުން ކަމަށެވެ.
"ވޯރާ ވިޔަފާރި ވެރިންގެ ޒަމާން އަލުން އިޢާދަ ކުރުން. ގައުމު އަޅުވެތި ކުރުން." އަދުރޭ ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރާއްޖެއަކު އިންޑިއާ ސިފައިންނެއް ނެތް ކަމަށެވެ. ހޫދު މިހެން ވިދާޅުވި ނަމަވެސް އައްޑޫ ސިޓީގައި އަދި ލ.ކައްދޫގައި އިންޑިއާ ސިފައިން އޮޕަރޭޓު ކުރާ ދެ ހެލިކޮޕްޓަރު އޮވެއެވެ. އަދި އެ ދެއަތޮޅުގައި ވެސް އިންޑިއާ ސިފައިން ތިބޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
"ދިޔަރެސް" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދާދިފަހުން ސަރުކާރުން ވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް އިންޑިއާ ސިފައިންނާއި އެކު ހދ. ހަނިމާދޫގައި ޤާއިމްވެ ތިބުމުގެ ހުއްދަދީފައެވެ. އަދި ކޮވިޑް-19 ގެ ހާލަތަށް ލުޔެއް ލިބޭ ހިސާބުން އިންޑިއާ ސިފައިން ރާއްޖެއައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.