އެމްޑީޕީގެ ތުހުމަތެއް: ޑްރޯން ގަތުމަކީ ކެމްޕެއިނަށް ފައިސާ ހޯދުމަށް ހިންގި ޖަރީމާއެއް
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީގެ ކުންފުންޏަކާއެކު ސަރުކާރުން ވީ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތައް ގަތީ އަވަސް އަރުވާލައިގެން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ހިންގި ޖަރީމާއެއް ގޮތަށް އިދިކޮޅު އެމްޑީޕީން ރޭ ތުހުމަތުކޮށްފިއެވެ.
ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު މި ސަރުކާރުން ވީ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތައް ނ. މާފަރު އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ. ރާއްޖެއިން ގެނެސްފައިވަނީ ބައިކާރުގެ ޓީބީ2 ޑްރޯންތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭނުގެ މައުލޫމާތު ދޭން ރޭ ބޭއްވި ޕްރެސް ބްރީފިންގައި އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު އަހުމަދު އީސަ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ގެނައުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ރަހުމަތްތެރި ގައުމަކުން ހިލޭ އެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ސަރުކާރު ބަދަލުވީ މަޝްވަރާގެ މަރުހަލާގައި އޮއްވާ ކަމަށް އިސަ ވިދާޅުވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ގޮތަށް ''ތެޅި ފޮޅެމުން'' ތުރުކީ އަށް ވަޑައިގެން ކޮންޓިންޖެންސީ ބަޖެޓުން ޑްރޯން ގެންނަން ނިންމީ ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓާލާފައި ކަމަށް އީސަ ވިދާޅުވިއެވެ. އެ ކަންބޮޑުވުން އޮތަތީވެ ޑްރޯން ގަތް މަގުސަދާ މެދު އޭނާ ސުވާލު އުފެއްދިއެވެ.
ކުއްލިއަކަށް ގޮސް ތިވަރުގެ ބޮޑު ހަރަދެއް، ބަޖެޓް ނުކުރައްވާ ކޮންޓިންޖެންސީ ބަޖެޓުން ނަގައިގެން ކުރެއްވި ކުރެއްވުމަކީ ސުވާލު އުފެދޭ ކަމެއް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށްޓަކައި، ދުނިޔޭގެ ބާޒާރުގައި އެ ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށްވުރެ ބޮޑު އަގުގައި ކުރައްވާފައި އެއޮތީ
އީސަ ވިދާޅުވި ގޮތުންނަމަ ސަރުކާރުން ޑްރޯން ގަންނަން 30 މިލިއަން ހަރަދުކޮށްފައިވާއިރު އެއަށްވުރެ އަގުހެޔޮކޮށް ޑްރޯން ހޯދޭނެ ގޮތުގެ ތަފްސީލު އެމްޑީޕީ އަތުގައި އެބަހުރި ކަމަށް އީސަ ވިދާޅުވިއެވެ.