ގޯތިތަކުގެ އިންފާރު ރޭނުމުގެ ހުއްދަ ހޯދަން ފަސޭހަ ގޮތްތަކެއް

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ފޭސް ދޭކުން ގޯތި ލިބިފައިވާ ފަރާތްތަކުން އިންފާރު ރޭނުމުގެ ހުއްދަ ހޯދުމަށް ފަސޭހަ ގޮތްތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމުކޮށްފިއެވެ.
ގޯތި ލިބިފައިވާ ފަރާތްތަކަށް އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ ހުޅުމާލޭގެ ސެންޓޯ މޯލްގައި ހުންނަ އެ ކޯޕަރޭޝަންގެ ކަސްޓަމާ ކެއާ ކައުންޓާ މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެ ކޯޕަރޭޝަންގެ ކަސްޓަމާ ކެއާ ކައުންޓަރަށް ފޯމު ހުށަހަޅާ ނަމަ ފޯމު ފުރިހަމަކުރުމަށް ފަހު ފޯމާއި އެކު، ޕްލޮޓު އެގްރީމެންޓާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ އަކާއި، ޕްލޮޓު ރެޖިސްޓްރީ ހުށަހަޅަން ޖެހެއެވެ.
އަދި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާ ނަމަ، ފޯމު ފުރިހަމަކުރުމަށް ފަހު ފޯމާއި އެކު، ޕްލޮޓު އެގްރީމެންޓާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ގެ ކޮޕީ އަކާއި، ޕްލޮޓު ރެޖިސްޓްރީ އަޕްލޯޑު ކުރަން ޖެހެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތައް ދޫކޮށްފައިވާ ސަރަހައްދުން އިން ވަކި ކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ. އަދި މި މަސައްކަތް ވަރަށް ބާރުމިނުގައި ކުރިއަށް ދާނެކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އަދިބިންތަށް ވެރި ފަރާތާއި ހަވާލުކުރެވުމުން އެ ފަރާތުން އެ ގޯތީގެ އިންފާރު ރޭނުމަށް ފަހު އިންސްޕެކްޓު ކުރުމަށް ހުށަހެޅުމުން އެ ކޯޕަރޭޝަނުން ހުއްދަ ދިނުމުން ފައުންޑޭޝަންގެ މަސައްކަތް ފެށުމުގެ ހުއްދަ ދެވޭނެއެވެ.