އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަން ކުރަން ކޮމިޓީން ރުހުންދީފި

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މ. މުލައް، ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ޒަކަރިއްޔާ އަކީ މިހާރު އީސީގެ ސެކްރެޓަރީ ޖެނެރަލެވެ. އޭނަގެ ނަން ފޮނުވީ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް އިއުލާން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ ހުސްވާ މަގާމަށް އައްޔަނު ކުރަން ޒަކަރިއްޔާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.
ޒަކަރިއްޔާގެ ނަން ދިރާސާ ކުރުމަށްފަހު އީސީގެ މެންބަރުކަމަށް އޭނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީއަށް ފެންނަ ކަމަށް ނިންމައި ކޮމިޓީން އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އީސީގެ އެސްޖީގެ މަގާމަށް ހަސަން ވަޑައިގެންނެވީ 2021 ގައެވެ.