ޚަބަރު

ފުލުހެއްގެ ގައިގައި ޖެހުނު ޓެކްސީގެ ޑްރައިވަރު ދޫކޮށްލައިފި

އައިކާ ޔުނާން ، ދެން އޮންލައިން

މާލެ-އެއާޕޯޓު ހައިވޭ މަތިން ސިނަމާލެ ބްރިޖަށް އަރަން ދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެ އެ ސަރަހައްދުގައި ހުރި ޓްރެފިކް ފުލުހެއްގެ ގައިގައި ޖެހުނު މައްސަލައިގައި ކާރުގެ ޑްރައިވަރު ގަވައިދާ ހިލާފުވިކަމަށް ނުބެލެވޭ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.

Ads by MWSC

މިދިޔަ އާދިއްތަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ފުލުސް މީހާގެ ގައިގައި ޖެހިފައިވަނީ އެއާޕޯޓުން ބްރިޖަށް އަރަން ދިޔަ ޓެކްސީއަކުންނެވެ. މި އެކްސިޑެންޓުގެ ވީޑިއޯ އާންމުވެފައިވާއިރު, ވީޑިއޯއިން ފެންނަ ގޮތުގައި އެވަގުތު ފުލުސް މީހާގެ ގައިގައި ކާރު ޖެހި, އޭނާ ވެއްޓެއެވެ. ކާރު ދުއްވަން އިން ޑްރައިވަރު ފުލުހުން އެ ވަގުތު ހައްޔަރުކުރިއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ އޭނާގެ މައްޗަށް ކޮށްފައިވަނީ ޖެހުމާއި ޖަހާފާނެ ކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.

ކޯޓުގައި އޭނާ ބުނެފައިވަނީ އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި އެ އެކްސިޑެންޓު ހިނގުމާ އެކު ވަގުތުން ކާރު ހުއްޓައި ފުލުސް މީހާގެ ގާތަށް ގޮސް މާފަށް އެދިފައިވާނެ ކަމަށެވެ.

ފުލުސް މީހާގެ އަތުގެ މުލައްދަނޑިއާއި އަތްތިލައިން ހަން މަށައިގެން ދިއުމުގެ އިތުރުން އިތުރު އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ވަނީ މި މައްސަލައިގައި އޭނާ ދުއްވި ކާރު ވެސް ޓޯ ކޮށްފައެވެ.

ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ހާދިސާ ރިޕޯޓަށް ބަލާއިރު, ޓެކްސީ ދުއްވާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ނުބެލެވޭ ކަމަށް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!