ޚަބަރު

ޔާމީންގެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ޔާމީން އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.

މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ނަމަވެސް ޔާމީން އަދިވެސް ހުންނެވި ހުކުމުން ސަލާމަތްނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!