ރަސްދޫ ކޭސް: އަނިޔާކުރި މީހުން ހޯދާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފި
މިސްކިތެއްގެ ފާހާނާއެއްގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު އެކަމުގައި ޝަމިލްވާ ފަރާތްތަކާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެ މީހަކުވެގެން ފާހާނާއެއްގެ ތެރޭގައި ހުރި ކުއްޖަކަށް އަނިޔާކުރަމުންދާ މަންޒަރެވެ. އެ ކުއްޖާ ފާހާނާ އަށް ވައްދާފައި ކޮށްފައިވާ އަނިޔާ އެއް ކަމެއް ނުވަތަ އެ ކުއްޖާ ފާހާނާ ތެރޭގައި ހުއްޓާ ކުރި އަނިޔާތަކެއް ކަމެއް ވީޑިއޯއިން ސާފުކޮށެއް ނޭނގޭއެވެ.
ހަޑި ހުތުރު ބަހުން އެ ކުއްޖާއާ ދިމާލަށް އެއްޗެހި ގޮވަމުންދާ މަންޒަރުވެސް ފެންނަ އެ ވީޑިއޯ އަކީ މިސްކިތެއްގެ ފާހާނާގައި ނަގާފައި ވީޑިއޯއެއްކަން އެނގެނީ، އެ މީހުން ކުއްޖާއާ ވާހަކަ ދައްކަމުން ދިޔަ ގަޑީގައި ގުރުއާނުގެ އަޑުއިވެމުންދާތީއެވެ.
އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި، ބޮލަށް އޮއްސާލާ މަންޒަރުވެސް ފެންނައިރު، ގުދާރު މަތީ ގޮށްމުއްކަވާފައި އެތައް ފަހަރަކު ޖަހައެވެ.
އެހެން ނުހަދައި ދޫކޮށްލަން އެ ކުއްޖާ އެދުމުން އެ މީހުން އަމުރުކުރީ ކުޑަކަކޫ ޖަހާފައި އާދޭސްކުރާށެވެ. އަދި އެގޮތަށް އެކުއްޖާ ކަންތައް ކުރަން ފެށުމުން ފައިން އެ ކުއްޖާގެ ބޮލުގައި ޖަހާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެއެވެ.
އެ ވީޑިއޯގައި އެކުއްޖާއަށް އިންޒާރުދީ އަނިޔާކުރަމުންދަނީ ކޮންމެވެސް ވާހަކައެއް ނުދެއްކުމަށް ބުނަމުންނެވެ. "ނުކިޔައްޗޭ އެކަހަލަ އެއްޗެހި ދެން" ތަކުރާރުކޮށް އަނިޔާކުރި ދެމީހުން އައީ މިހެން ބުނަމުންނެވެ.
އެކަމާއި ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރުގެ އިތުރުން އަލީ ޝުޖާއުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ 'އެކްސް' ގައި ޕޯސްޓު ކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަންކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ.
''މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީންކުރާނަން'' ރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވިއެވެ.
ވީޑިއޯ ކުރި މީހާވެސް މީގެ ތެރޭ ހިމެނޭ.
ފޮނިނުކަނޑާ