ޚަބަރު

ހޮޅިދަނޑިތަކުގައި އައްސާފައި ހުރި ކެމްޕޭނު ޕޯސްޓަރާއި ދިދަތައް ނަގަން އަންގައިފި

އައިކާ ޔުނާން ، ދެން އޮންލައިން

އައްޑޫ ސިޓީގެ އަވަށްތަކުގައި މަގުބައްތި ހަރުކޮށްފައިވާ ހޮޅި ދަނޑިތަކުގައި، ކެމްޕެއިން ބެނާތަކާއި ދިދަފަތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ހޮޅި ދަނޑިތަކުގައި، ކެމްޕެއިން ބެނާތަކާއި ދިދަފަތިތައް ދެމުމަށް ވައު އެއްސުމަކީ އެންމެ ކުރިއްސުރެ މަނާ ކަމެއް ކަމަށެވެ.

ނަމަވެސް, މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބާ ދިމާކޮށް ބައެއް ކެމްޕެއިނު ބެނާތަކާއި ޕޯސްޓަރުތައް ހޮޅިދަނޑީގައި އައްސަމުން އަންނަ މައްސަލަތައް ލިބެމުން އަންނަ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ބުނީ އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެފްކޮންސްގެ ފަރާތުން އަލައް ޖަހަމުން އަންނަ މަގު ބައްތިތަކުގައިވެސް ވައު އައްސައި ކެމްޕެއިން ބެނާތައް ހަރުކުރަމުން ދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެހެން އެކަން ނުކުރުމަށް އިލްތިމާސްކޮށް ކައުންސިލުން އަންގާފައިވަނީ މާދަމާ މެންދުރު 12:00 ގެ ކުރިން އެ ތަކެތި ނެގުމަށެވެ. މިމުއްދަތުގެ ފަހުން މަގު ބައްތި ތަކުގައި މަގު ހުރަސް ވާގޮތަށާއި ދިދަފަތި ދެމުމަށް އައްސާފައިވާ ވައުތައް ކައުންސިލުން ނައްޓާލާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!