ޚަބަރު ސިޔާސީ

ތަރައްގީ ހޯދަން މިނިސްޓަރުންނާ ރައީސް އަރިހަށްދާނެ ހިތްވަރު ހުންނާނެ: އަޒާން

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކެމްޕޭން ޖަލްސާގައި އަޒާން ވާހަކަދައްކަނީ - ފޮޓޯ: ދެން އިމޭޖަސް

އައްޑޫއަށް ތަރައްގީ ހޯދަން ކޮންމެ ދުވަހަކު ދައުލަތުގެ ވުޒާރާތަކަށާއި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ދާން ޖެހުނަސް، އެކަން ކުރާނެހާ ހިތްވަރު ހުންނާނެ ކަމަށާއި، އެކަން ކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީއިން ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަހުމަދު އަޒާން ބުނެފިއެވެ.

Ads by Sosun Fihaara

މިރޭ އައްޑޫގައި ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަމުން އަޒާން ބުނީ، މަޖިލީހަށް ކުރިމަތިލީ މަގާމުގެ އިއްޒަތާއި ފަހުރަކަށް ނޫން ކަމަށެވެ. މަގާމަށް ކުރިމަތިލީ، ރައްޔިތުން އެދޭގޮތަށް ސަރުކާރާއި ގުޅިގެން ތަރައްގީ ހޯދައިދޭން ކަމަށެވެ. އެގޮތުން، ރައްޔިތުންގެ ހައްގުތައް ހޯދަން ކޮންމެ ދުވަހަކު ދައުލަތުގެ ވުޒާރާތަކަށް ހިނގަން ޖެހުނަސް އެކަން ކުރާނެ ކަމަށް އަޒާން ބުންޏެވެ.

"ތަރައްގީ ގެނެވޭނީ ސަރުކާރާއި ގުޅިގެން. ސަރުކާރަށް މަޖިލީހުން އެއްބާރުލުން ދީގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން. ރައްޔިތުންގެ ހައްގު ހޯދުމަށް ދައުލަތުގެ ވުޒާރާތަކަށް ކޮންމެ ދުވަހަކު ދާން ޖެހުނަސް އަޅުގަނޑު އެކަން ކުރާނަން. އަދި ހުދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ދާން ޖެހުނަސް އަޅުގަނޑުގެ އެ ހިތްވަރު ހުންނާނެ، އެކަން ކުރާނަން،"

އަޒާން އިތުރަށް ބުނީ، އައްޑު ރައްޔިތުން ވޯޓު ދޭއިރު ވިސްނަން ވެއްޖެ ކަމަށެވެ. އެއްބަޔަކު މަޖިލީހަށް ހޮވައިގެން ތަރައްގީ ލިބިދާނެ ކަމުގެ އުންމީދުގައި ތިބޭތާ 15 އަހަރު ވެއްޖެ ކަމަށާއި، އެކަމުގެ ސަބަބުން ވީ ކަމެއް ނެތް ކަމަށެވެ. އަދި މިދިޔަ 5 އަހަރު އެމްޑީޕީއަށް ސުޕާ މެޖޯރިޓީ ދީގެން ވެސް އައްޑޫ ތަރައްގީވެފައި ނުވާ ކަމަށް އަޒާން ބުންޏެވެ.

މިދިޔަ ސަރުކާރުން އައްޑޫއަށް ތަރައްގީ ގެނެސްދިނުމުގެ ގޮތުން ވައުދުވީ ކަންކަން ފާހަގަކޮށް، އެކަންކަން ހާސިލްނުވާ ކަމަށް އަޒާން ބުނެފައިވެއެވެ. އޭނާ ބުނީ، ވައުދުވީ 8،000 އެނދު އައްޑޫއިން ފެންނަން ނެތް ކަމަށެވެ. ފަސްމަންޒިލުން ފްލައިޓުތައް ވެސް ނުޖައްސާ ކަމަށެވެ. މީގއިތުރުން،  ހިނގަ ހިނގާ އޮތް ރިސޯޓެއް ހުއްޓުންތާ 3 އަހަރު ވީއިރު ވެސް އެތަން އަލުން ނުހުޅުވުން ކަމަށާއި، ގެއްލުނު ވަޒީފާތައް ވެސް ނުލިބުން ކަމަށެވެ.

އެހެންކަމުން، ބަދަލެއް ގެންނަން ރައްޔިތުން ބޭނުންވާ ކަމަށާއި، ރައްޔިތުން ވޯޓުލާއިރު ވިސްނަންވީ ތަރައްގީ ހޯދައިދޭނެ ބަޔަކު ހޮވުމަށްކަން އަޒާން ފާހަގަކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!