ޚަބަރު ސަރުކާރު

ބޭނުންވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރަން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް/ ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރުމަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ. ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ބަހުގެ ދުވަހަކީ ގައުމުގެ ހުރިހައި ދާއިރާއަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަސް ކަމަށެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް ތަބާވުން ކަމަށެވެ. އަދި ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް އަޒުމު ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ.

އޮފީސްތަކާއި ހަބަރު ފަތުރާ ވަސީލަތްތަކާއި، ތައުލީމާއި، މުއާމަލާތުގެ ހުރިހައި ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސް ގޮވައިލެއްވިއެވެ.

އަޅުގަނޑު ބޭނުންވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރާށެވެ. އަޅުގަނޑު އެދެނީ ދިވެހިބަހުން ދޫ ހިނގާ، ގަލަން ހިނގާ ޒުވާނުންތަކެއް އުފެދޭށެވެ. އަޅުގަނޑު ތަރުހީބުދެނީ ދިވެހީންގެ ގައުމާއި ދިވެހިރާއްޖެއަށް ރައްކާތެރިކަން އެދި ހިތްތަކާއި ލޯތައް ހުޅުވިފައިވާ ރައްޔިތެއް މި ގައުމުގައި އޮންނާށެވެ

އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

''ދިވެއްސަކަށް ވީތީ ފަހްރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ގައުމު އަލިވިލޭން ޖާގަ ދެއްވާށެވެ'' އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ގާއިމު ކުރެވުނު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ކިޔެވުން ފެށުމުން، ޒުވާނުންނާއި އާންމު އެންމެހާ ފަރާތްތަކަށް  ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

ދިވެހި ތަރައިގެ ކޮލެޖު ނުވަތަ ދިވެހި ގައުމިއްޔަތުގެ އިސްވަރު ދާދި އަވަހަށް އުފެއްދޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ކޮލެޖު ނުވަތަ އިސްވަރު އުފެދުމާއެކު މުޅި ރާއްޖެ ބައިވެރިވާ ގައުމީ ތަރިކަތަކާއި ބަހާތަކާ މެދު އިލްމީ ގޮތެއްގައި ފިކުރުކުރާނެ ރަސްމީ ވިޔުގައެއް އުފަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!