ރިޕޯޓް ސިޔާސީ

ހިންނަވަރު ދާއިރާ މޯޑުއަށް: އެމްޑީޕީ ކިއްލާއަށް މިވީ ކިހިނެއް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހިންނަވަރު ދާއިރާގެ ގޮނޑި މުޅިން އަލަށް އެމްޑީޕީ ނޫން ޕާޓީއަކަށް

ނިމިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބަކީ ރާއްޖޭގެ ސިޔާސީ މައިދާން މުޅިން ސިއްސުވައިލި ނަތީޖާތަކެއް ނިކުތް އިންތިހާބެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިގެން އެކަންޏެއް ނޫނެވެ. އަދި ކޮންގްރެސް ޕާޓީފަދަ އުމުރުން ހަގު ޕާޓީއަކަށް މިހާ ބޮޑު ތާއީދެއް އޮވެގެންނެއްވެސް ނޫނެވެ. ބިޔަ ބޮޑު ރީނދޫ ލަޝްކަރު ވެރިވެ ކިއްލާއަކަށް ހަދާފައި އޮތް ބައެއް ރަށްތައް މުޅިން ބަދަލުވުމުންނެވެ. އޭގެ ތެރެއިން އެއް ރަށަކީ ޅ އަތޮޅު ހިންނަވަރެވެ.

Ads by STELCO

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިންނަވަރު ދާއިރާ ތަމްސީލު ކުރައްވާނީ އެމްޑީޕީގެ މެމްބަރެއް ނޫނެވެ. ކޮންގްރެސް ޕާޓީގެ މުހައްމަދު އަބްދުއްރަހުމާން، އާންމު ނަމުންނަމަ މޯޑު އެވެ. ހިންނަވަރަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އުފަން ރަށެވެ. އަދި އެމަނިކުފާނު 25 އަހަރުގެ ދިގު މުއްދަތަކަށް މެމްބަރުކަން ކުރެއްވި ދާއިރާވެސް މެއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވައި އެގޮނޑި ހޯއްދަވައިދެއްވީ ކޮއްކޯފުޅު ޖީހާން މަހަމޫދަށެވެ. އެހެންކަމުން ދިގު 30 އަހަރު ވަންދެން ހިންނަވަރުގައި ރަސްކަން ކުރީ އެމްޑީޕީންނެވެ.

ބަދަލުވީ ކުއްލިއަކަށް ނޫން

ކުއްލިއަކަށް ބޮޑު ބަދަލެއް މިއައީ ކީއްވެ ހެއްޔެވެ؟ ހިންނަވަރުގެ އެމްޑީޕީ މީހުންނަށް ވީ ކިހިނެއް ހެއްޔެވެ؟ ހަގީގަތުގައި މި ބަދަލު މިއައީ ކުއްލިއަކަށް ނޫނެވެ. ޖީހާން ހިންނަވަރު ދާއިރާއަށް ވާދަކުރެއްވިއިރުވެސް އޮއިވަރު އޮތީ ބަދަލުވާން ފަށައިފަ އެވެ. އެހެންނަމަވެސް އޭރު ވެރިކަމުގައި އެމްޑީޕީ އޮތުމާއިއެކު ރަށުގައި ރައީސް ޞާލިހުގެ ނުފޫޒު އޮތީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

ހިންނަވަރަށް މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ ތަރައްގީއެއް އައިސްފައެއް ނުވެ އެވެ. ތިން ފަހަރެއްގެ މަތިން ރަށުގައި ބަނދަރު ބޮޑުކުރުން ނޫން ތަރައްގީއެއް ރަށަކަށް ނައެވެ. ކޮންމެ ފަހަރަކު އެމްޑީޕީ މެމްބަރަކު ގޮނޑީގައި ބައިންދައިގެން މަޖިލިސް ތަޅުމުގައި ރަށު ތަރައްގީގެ އެއްވެސް ވާހަަކެއް ދެއްކޭ ތަނެއް ނައެވެ. ބަލަނީ ޕާޓީ މަސްލަހަތު ހިމާޔަތް ކުރެވޭތޯ އެވެ. ބައެއް ފަހަރު ބާރުގެ ބޭނުން ކުރަނީ އަމިއްލަ މަސްލަހަތަށްޓަކަ އެވެ.

ހިންނަވަރު ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރަމުން ކުރަމުން ގޮސް ވަރުބަލިވީ އެވެ. ރަށުގައި ކަމެއް ނުހިނގާ ތަނުގައި ދެމުންދިޔަ ހިދުމަތްތައްވެސް ދުވަހެއް ދުވަހަކަށް ދިޔައީ ދަށަށެވެ. ބަލަބަލާ ތިއްބައި ފެންވަރު ރަނގަޅު އަތޮޅު ތައުލީމީ މަރުކަޒުގެ ހާލަތުވެސް ދިޔައީ ދަށަށެވެ. ކަރަންޓާއި ފެނުގެ ހިދުމަތުގެ ފެންވަރުވެސް ދިޔައީ ދަށަށެވެ. މިކަމާ ކަންބޮޑުވާން ތިބީ ރައްޔިތުންނެވެ. ވެރިން ތިބީ ނިދައިފަ އެވެ.

ވެރިކަމުގައި ރަށު ރައްޔިތަކު ހުރެ، މެމްބަރުކަމުގައިވެސް ރަށު ރައްޔިތަކު ހުރެމެ ރަށަށް އަޅައިނުލުމަކީ ހިންނަވަރަށް އައި މި ބޮޑު ބަދަލުގެ ސިއްރެވެ. ރައީސް ޞާލިހަށާއި އެމްޑީޕީއަށްވެސް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ރައްޔިތުންގެ ހިތުގައި ލަމުންދިޔަ ފާރުގަނޑުގައި އަޅާނެ ބޭސް މަލަމެއް ހުދު ރައީސް ޞާލިހުގެ އަތުގައިވެސް ނެތެވެ.

މޯޑު ކީއްވެ؟

ހިންނަވަރު އިންތިޒާރު ކުރަމުން ދިޔައީ ބަދަލަކަށެވެ. އިތުބާރު ކުރެވޭ ހިތްވަރު ހުރި ބަދަލަކަށެވެ. ރަށުގެ ތަރައްގީއަށް އަޑު އުފުލައިދޭނެ ރަށު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ލީޑަރަކަށް ބޭނުންޖެހިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

މޯޑު އަކީ އެ ބަދަލެވެ. ރައްޔިތުންގެ ތެރެއިން ހޮވާލައި ރައްޔިތުންގެ ތެރޭގައި އުޅެ ބޮޑުވި ރަށުގެ ދަރިއެކެވެ. ރަށުގެ ހާލަތު އެންމެ ގާތުން އެނގޭނެ ލީޑަރެވެ. ހިންނަވަރު ރައްޔިތުން ބޭނުންވީ ލޯ މަރާލައި އިތުބާރު ކޮށްފައި މޯޑުއަށް އެ ގޮނޑި ހަވާލު ކުރާށެވެ. ފޮނި އުއްމީދެއްގަ އެވެ. ރަށުގެ މުސްތަގުބަލު އުޖާލާ ވާނެކަމުގެ އުއްމީދުގަ އެވެ.

މިއީ މޯޑުއަށް ފަސޭހަ އިންތިހާބެއް ނޫން

ހިންނަވަރުން މޯޑު އަގުލަބިއްޔަތު ނެގިއްޔޭ ބުނެ ނިންމައިލިޔަސް މިއީ މޯޑުއަށް ފަސޭހަ މޮޅެއް ނޫނެވެ. ޕީއެންސީގެ ޕްރައިމަރީ މޯޑު ކާމިޔާބު ކުރީ އެހާ އުނދަގުލުންނެވެ. ޕްރައިމަރީ ނިމުމާއެކު އެ ޕްރައިމަރީން ބަލިވި އިތުރު ކެނޑިޑޭޓަކު އަމިއްލަ ގޮތުން ނިކުންނަން ނިންމި އެވެ. އެއާއެކު ޕީއެންސީގެ ވޯޓުތައް ދެބަޔަކަށް ބެހި ޖީހާނަށް އިތުރު ދޮރެއް ހުޅުވުނީ އެވެ.

އެހެންނަމަވެސް މޯޑުގެ ހިތްވަރަކަށް ބަދަލެއް ނައެވެ. ހަގީގަތުގައި މޯޑުއަށް ތަރުހީބު އިތުރުވީ އެމްޑީޕީގެ އެތެރެއިންނާއި ވަކި ޕާޓީ ފިކުރެއް ނެތް ރައްޔިތުންގެ ފަރާތުންނެވެ. ޕީއެންސީ އެތެރެއިން ބަޔަކު އިދިކޮޅަށް އެރިއެއް ކަމަކު އެތަން ފޫބައްދަން ހިތްވަރު ކުރީ ރަށުގެ ޒުވާނުން ނިކުމެ އެވެ.

ހިންނަވަރުން މި ބަދަލު ގެނައުމުގެ އެންމެ ބޮޑު ސިއްރަކީ ރަށުގެ ޒުވާނުންނެވެ. ގާތްގަނޑަކަށް ރަށުގައި ބަސް ވިކޭ ހުރިހާ ޒުވާނުންހެން އެރީ މޯޑު ފަޅި އަށެވެ. ހަރު މީހުންގެ ތެރެއިން އެމްޑީޕީގައި މި ހުރިހާ ދުވަހު ފައި ހިއްޕާލާފައި ތިބި މީހުންވެސް މޯޑުއާ ބައިއަތު ހިފި އެވެ.

 

ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީތަކުގެ ތެރެއިން ޅ. ހިންނަވަރަކީ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. ހަގީގަތުގައި މިއީ ރައީސް އަބްދުﷲ ޔާމީނަށްވެސް އެމަނިކުފާނުގެ ވެރިކަމުގައި ހޯއްދަވަން އުޅުއްވައި ނުހޯދުނު ކާމިޔާބީ އެކެވެ. ސިޔާސީ ޕޯޑިއަމްއެއްގައި ހަރު މީހަކު ބުނާތީ އަޑު އެހީމެވެ. "ހިންނަވަރު ބަދަލުވާ ދުވަހަކީ އެމްޑީޕީގެ ނިމުންކަމުގައި ބަލާށެވެ."

Ads by HDC
  1. ހެޔޮނުވާނެއޭ

    ސިޔާސީ ޕާރޓީ ތައް އެކުވެރިވާން ގޮވާލަން ޖެހޭނީ އެއީ ސިޔާސީ ޕާރޓީ ތައް އަމިއްލަ އަށް އުފައްދާ އަދި ސިޔާސީ ޕާރޓީ ތަކަކީ ކޮބައި ކަމާއި އަދި ޕާރޓީގެ އުސޫލު ތަކަށް ތަބާވާ މީހުންނޭ ފުރަތަމަ ކަމަކީ މުއިއްޒުގެ ޕާރޓީ އެއް ނޫނޭ އެއީ ޕީއެންސީ އަކީ ވެސް އަދި ޕީޕީއެމް އަކީ ވެސް އެއީ ޖަހައިގަތް ދެޕާރޓީއޭ ދެން އަނެއް ކޮޅުން ޕީއެންސީ ޓިކެޓް ގައި ކެންޑިޑޭޓުން ނިކުމެފައި ތިއްބާ އެއަށް އިހްތިރާމް ނުކޮށް ފައިސާ ދޭ މީހުންނަށް ތާއީދު ކުރުން އެއީ ޕާރޓީ ލީޑަރު ކުރާ ކަމެއް ނޫނޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ އާއި އެކުވާން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ