ފަރަގު ހުރެދާނެ ކަމަށް ބުނެ ވޯޓު ފޮއްޓެއް އަލުން ގުނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގދ. ތިނަދޫ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮއްޓެއް އަލުން ގުނައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެމްއެންޔޫ ކެމްޕަސް ގައި ބެހެއްޓި 5 ނަންބަރު ވޯޓު ފޮށި ގުނަން ހުށަހެޅީ އެދާއިރާއަށް ޕީއެންސީން ވާދަކުރެއްވި އަބްދުﷲ ޝަރީފްގެ ފަރާތުންނެވެ. އޭނާގެ ޓީމުން މަޢުލޫމާތު ދީފައިވާ ގޮތުގައި ވޯޓު ފޮށި ގުނާފައިވަނީ ޝަރީފްގެ ފަރާތުން އެއްވެސް އޮފިޝަލެއް ނެތް ވަގުތެއްގައި ކަމަށެވެ. އަދި ވޯޓު ގުނުމަށް ހޭދަވީ 30 ވަރަކަށް މިނިޓު ކަމަށާއި ވޯޓު ގުނުމަށް ކަރުދާސް ތަރުތީބުކުރި އިރު ފެންނަން ހުރި ވޯޓު ކަރުދާސްތަކާއި ގުނި އިރު އަދަދު ބޮޑުތަނުން ތަފާތު ކަމަށް އެ ޓީމުން ބުނެއެވެ.
އެކަމާއި ގުޅިގެން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "ދެން"އަށް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ވޯޓު އަލުން ގުނުމަށް އަދި ނިންމާފައިނުވާ ކަމަށެވެ. ވޯޓު އަލުން ގުނާނީ ވަރަށް "ކްރިޓިކަލް" ހާލަތެއް މެދުވެރިވެގެންކަން ހަސަން ފާހަގަކުރިއެވެ.
ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވީ ޝަރީފްގެ އިތުރުން 4 ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު އަލްސަން އަހުމަދު އާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޒިފްލީން ހަސަން އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ސައުދަތު ޝާކިރު އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތުއެވެ.
ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަ ކުރެއްވި އަލްސަންއެވެ. އަލްސަން 870 ވޯޓު ހޯއްދެވި އިރު ޝަރީފުއަށް ލިބުނީ 799 ވޯޓެވެ.

މި ގޮނޑި ގެއްލުމާއެކު ސަރުކާރަށް ހަމައެކަނީ ގެއްލުނީ ތިނަދޫ ދެކުނު ދާއިރާއެވެ. އެހެން ހުރިހާ ދާއިރާތަކެއް ސަރުކާރުގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.
އަހަރިޔާނެ ތަޓެ ވޯޓު ނޯޑަމާ ދެން އަލުން ގޮނީފައި އިތިރިވެއި.ބޭކާރު ކަމެކެ ތީ.ތައަތުން ރފ ނެގީ މީހެންނެ ވޯޓު ނޯޑަތާ ހުތާ ތަޓެ