ޚަބަރު ސަރުކާރު

ޚިދުމަތުން ދުރުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ އަދާކުރުމަށް ފުރުސަތު ދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by Hajj Corporation

އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމަވާފައެވެ. މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ހަމަ އެއާއެކު އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ޚާއްޞަ 'ޕޭ ސްޓްރަކްޗަރ' އެއް އެކުލަވާލެއްވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ޚާއްޞަކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ރައީސް މި ނިންމެވުން ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސަރވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުން ހިމެނެއެވެ.

އަދި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަންވެސް ހިމެނެއެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސަރިވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސަރިވިސްއިން ދެއްވާފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ޙައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!