ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަންކުރި އިއުލާން ބާތިލުކޮށްފި
ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަންކުރި އިއުލާން ބާތިލުކޮށްފިއެވެ.
އިއްޔެ ކުރި އިއުލާނެއްގައި ފުލުހުން ވިދާޅުވީ ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި ބިދޭސީންނާ ގުޅޭ ގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެ މަސައްކަތަށްް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ ވިދާޅުވީ ޕޯސްޓެއްގައި ވިދާޅުވީ އެ އިއުލާން މިހާރު ބާތިލުކޮށްފައިވާ ކަމަށާއި އެ އިއުލާނަކީ ފުލުހުންގެ އިދާރާގެ ޑިޕާޓްމެންޓުތަކުގައި ބިދޭސީން ލައްވާ ކުރުވަމުންއައި މަސައްކަތް ކުރުމަށް، ބިދޭސީން ހޯދުމުގެ ބޭނުމުގައިކުރި އިއުލާނެއް ކަމަށެވެ.
ނަމަވެސް ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް އަމަލުކުރަން ފުލުހުންގެ ހިދުމަތުން ނިންމުމާ ގުޅިގެން އެ އިއުލާން ބާތިލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބިދޭސީން ހޯދަން ފުލުހުން އިއުލާންކޮޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދިވެހި ރައްޔިތުން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.