އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑު ކުރަން އެމްޑަބްލިއުއެސްސީ އަށް
އައްޑޫ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑު ކުރަން، އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވާކަމަށް ފެނަކަ ކޯޕްރޭޝަން ލިމިޓެޑްއިން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ފެން ބޭނުން ކުރާ މީހުންގެ އަދަދު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ކަމަށެވެ.
އެހެންކަމުން މިހާރު އެ ސިޓީގައި އިންސްޓޯލު ކުރެވިފައިވާ ފެން ޕްލާންޓުން ފެން އުފައްދާ މިންވަރަށްވުރެން އިތުރަށް އެ ސިޓީގެ ރައްޔިތުން އަންނަނީ ފެން ބޭނުން ކުރަމުން ކަމަށެވެ.
ނިމިދިޔަ ފަސް އަހަރު ތެރޭގައި އެކަށީގެން ވާ ވަރަށް އެ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑު ކުރެވިފައި ނުވާތީ ނަތީޖާއެއްގެ ގޮތުން ގުޅިފައިވާ ރަށްތަކުގެ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައިއެވެ.
އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން އެމް.ޑަބްލިއު.އެސް.ސީއާއި އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑު ކުރަން ހަވާލުކޮށްފައި ވަނީ 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށްވެސް ފެނަކައިންއިން ވަނީ ބުނެފައިއެވެ.
މި މަސައްކަތް ނިމުމުން އައްޑޫއަށް ކުރިމަތިވެފައިވާ ފެނުގެ މައްސަލައަަށް ދާއިމީ ހައްލެއް ލިބިގެން އަންނާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައިއެވެ.
މީގެ އިތުރުން މިހާރުވެސް މިފަދަ މަސައްކަތް ތަކުގައި އައްޑޫގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ނިހާޔަތަށް ޝުކުރު އަދާކޮށްފައިއެވެ.
ފެނަކައިން ބުނެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.