ޚިޔާލު ރިޕޯޓް

ނަފްސާނީ ދުޅަހެޔޮކަން: އަމިއްލަ ނަފްސު ހޯދުމުގެ ދަތުރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ނަފްސާނީ ދުޅަހެޔޮކަން މުހިންމު

ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަމަކީ އިންސާނެއްގެ ޖުމްލަ ސިއްހަތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިއްހަތު މާނަކުރަނީ "... ފުރިހަމަ ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާޢީ ރަނގަޅު ޙާލަތެއް..." މިގޮތަށެވެ. އަހަރުމެން އެންމެންނަށްވެސް އަހަރުމެންގެ ނަފްސާނީ، ޖިސްމާނީ، އަދި އިޖުތިމާޢީ ޞިއްޙަތަކީ އެކަތި އަނެކައްޗަށް ބަރޯސާވެފައިވާ އެއްޗެކެވެ.

Ads by MWSC

ދިގުދެމިގެންދާ ބައްޔާއި ޑިޕްރެޝަނާ އޮންނަ ގުޅުމަށް ވިސްނާށެވެ. ކާޑިއޯ ވެސްކިއުލަރ ޑިޒީޒް ނުވަތަ ހަކުރުބަލި ފަދަ ދިގުމުއްދަތުގެ ބައްޔެއް ޖެހިފައިވާ މީހުންނަށް ޑިޕްރެޝަން ފަދަ ނަފްސާނީ ބައްޔެއް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. ޑިޕްރެޝަން ހުންނަ މީހުންނަށް ކެންސަރު ފަދަ ދިގުމުއްދަތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދެ ހާލަތެއް ނުވަތަ އެއަށްވުރެ ގިނަ ހާލަތެއް ނުވަތަ ބަލިތަކެއް އެއް ބަލި އަނެއް ބައްޔާއި ގުޅިގެން ދިމާވުމަކީ ވުން ގާތް ކަމެކެވެ.

މީގެ އިތުރުން ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ފަލަ މީހުންނަށް މޫޑީވުމާއި، ހާސްކަމާއި، ޕާސަނާލިޓީ ޑިސްއޯޑާ ނުވަތަ ބަނގުރާ ބުއިމަށް ދެވިހިފުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެ އެވެ. 41،000 މީހުންގެ މައްޗަށް ކުރި މި ސާރވޭގައި މި ނުރައްކާ ބޮޑުވެފައިވަނީ ވަކި ޖިންސެއް ތަފާތު ނުވާނެހެން އަންހެނުންނާއި ފިރިހެނުންނެވެ. ޑިޕްރެޝަންގައި ތިބި މީހުން ފަލަވުމުގެ ނުވަތަ ސިއްހީ އެހެން ހާލަތެއް ދަށްވުމުގެ ފުރުސަތު ބޮޑުވެދާނެ އެވެ.

ނަފްސާނީ ބަލިމަޑުކަމަކީ މީހާ އެކަހެރިކޮށްލާ އަދި ގިނިކަންޏާ ތަހައްމަލު ކުރާ ކަމެއް ކަމުގައި ވިޔަސް، އެއީ އާންމުކޮށް މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް ދިމާވާ ގޮންޖެހުމެއްވެސް މެއެވެ. އަހަރުމެން މުޖުތަމަޢެއްގެ ގޮތުގައި އެހެންވެސް ދިގުދެމިގެންދާ ސިއްހީ ޙާލަތްތަކެކޭ އެއްފަދައިން ނަފްސާނީ ބަލިތަކާއިމެދުވެސް ސަމާލުވާން ޖެހެ އެވެ. މިއީވެސް ފަރުވާ ކުރެވިދާނެ ބައްޔެކެވެ. ގިނަ ފަރުދުންނަށް ނަފްސާނީ އުދަނގޫތަކުން ރަނގަޅުވުމަކީ ކުރެވިދާނެ ކަމެކެވެ. މި މެސެޖަށް އިތުރަށް ބާރުއަޅަން ޖެހެނީ ނަފްސާނީ ބަލި ނުވަތަ ޑިޕްރެޝަންއާއި ދެކޮޅަށް މަސައްކަތްކޮށް، ގިނަ ބަޔަކު ފަރުވާ ހޯދުމަށް ހިތްވަރު ދިނުމަށެވެ.

ނަފްސާނީ ބަލިމަޑުކަމަކީ ޖިސްމާނީ ސިއްހަތާއި، ބެލެނިވެރިކަމާއި، މަސައްކަތާއި، ދަރިން ލިބުމާއި، މާލިއްޔަތާއި، ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުރާ އާންމު ހަރަކާތްތަކުގެ ތެރެއިން ކޮންމެ ކަމަކަށްވެސް އަސަރު ކުރެވައިފާނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 60% އާއި ގާތްކުރާ އަދަދެއްގެ މީހުންނަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި ނަފްސާނީ ބައްޔެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވެއެވެ. މިހާރު ރާއްޖޭގެ އާބާދީ 5 ލައްކައަށްވުރެއް އިތުރުވެފައިވާއިރު، އެ އަދަދަކީ އަހަރުމެންގެ ތެރެއިން ގާތްގަނޑަކަށް 3 ލައްކަ މީހުން ތަމްސީލުކުރާ އަދަދެކެވެ. އޭގެ ތެރޭގައި އަނބިމީހާއާއި، މައިންބަފައިންނާއި، ރައްޓެހިންނާއި، ދަރިންނާއި، ކާފައާއި މާމަގެ ނަފްސާނީ ބަލިމަޑުކަމުގެ އަސަރުކުރާ މީހުން ހިމެނެ އެވެ. އަދި ދެޖިންސުގެ މީހުންވެސް ގާތްގަނޑަކަށް ހަމަހަމައަށް މީގެ ތެރޭގައި ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

ނަފްސާނީ ސިއްހަތުގެ މައްސަލަތައް މިހާ ބޮޑަށް އިތުރުވެފައިވާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހޭލުންތެރި ނުވުމެވެ. މިސާލަކަށް ފަރުވާ ދޭ ފަރާތްތަކާއި، ސިއްހީ ހިދުމަތްދޭ ފަރާތްތައް އާންމު ރައްޔިތުންނަށް ފުރިހަމައަށް ދެނެގަނެވޭ ގޮތެއް ނުވެ އެވެ. ނަފްސާނީ އުދަނގޫތަކަކީ މާގިނަ ދުވަހު ފަރުވާ ނުދީ، ޑައިގްނޯސް ނުކުރެވި، ނުވަތަ ގޯސްކޮށް ޑައިގްނޯސް ކުރެވި، އަދި އަޅާނުލާ، ދޫކޮށްލެވޭވަރު ކަމެއް ނޫނެވެ. މިހެން ވާން ދިމާވުމުން ނަތީޖާ ހިތިވާންވެސް މެދުވެރި ވެއެވެ.

ދިރާސާތައް ކުރުމާއި، ފަރުވާގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި، އެ ހޯދުންތައް އަމަލީ ގޮތުން ތަރުޖަމާކުރުމަކީ ނަފްސާނީ ބަލިތަކުން ރައްކާތެރިވުމާއި، މެނޭޖްކުރުމާއި، ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަފްސާނީ ބަލި ރަނގަޅަށް ދެނެގަނެ ފަރުވާ ނުދެވުމަކީ ފަރުދަކަށް ފުރާނަ ނުވަތަ މަރު ކަމުގައިވެސް ވެދާނެ އެވެ. މިފަހުން ރާއްޖޭގައިވެސް ނަފްސާނީ ބަލީގެ ސަބަބުން ފުރާނަ ގެއްލިގެންދިޔަ ބައެއް ކޭސްތައް ވަނީ ފެންމަތިވެގެން ގޮސްފަ އެވެ.

ދިވެހި ސަރުކާރުން ވަނީ ނަފްސާނީ ފަރުވާއަކީ އާސަންދައިގެ ދަށުން ހިލޭ ލިބޭ ހިދުމަތެއްގެ ގޮތުގައި ހަދައިފަ އެވެ. މިކަންވެސް ނޭނގޭ ބަޔަކު މުޖުތަމައުގައި އެބަ ތިއްބެވެ. ބައެއް ފަރާތްތަކުން ކޮންމެވެސް ސަބަބަކާއި ހުރެ ނަފްސާނީ ފަރުވާ ހޯދަން ފަސް ޖެހެ އެވެ. ލަދުންނެވެ. ނުކެރެނީ އެވެ. ކިޔައިދޭން ފަސޭހަ ނޫން ވާހަކަތަކެއް ކިޔައިދިނުމުން އެވާހަކަތައް އެންމެންގެ ތެރޭގައި ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށެވެ. އެހެންނަމަވެސް މިގޮތަށް ތެރަޕިސްޓުންނާއި ހިއްސާކުރާ ވާހަކަތައް އެއްވެސް އިތުރު މީހަކަށް ކިޔައިދިނުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އަނެއްކޮޅުން މިއީ އެ ހިދުމަތްދޭ ޑޮކްޓަރުންގެ ގަވާއިދުތަކާވެސް ހިލާފު ކަމެކެވެ. އެހެންކަމުން ފަސް ޖެހެންވީ ސަބަބެއް ނެތެވެ.

ނަފްސާނީ ބަލިތަކާއިމެދު ހޭލުންތެރިކަން މިހާރަށްވުރެއް އިތުރުކުރަން އެބަ ޖެހެ އެވެ. ތިމާ ދަންނަ މީހަކު ނަފްސާނީ ގޮތުން އުނދަގުލަކާއި ކުރިމަތިލާނަމަ ލަސްނުކޮށް ކަމާއިބެހޭ ފަރާތްތަކަށް އެކަން އަންގަން ޖެހެ އެވެ. ވަށައިގެންވާ މީހުންނަށް މިހާރަށްވުރެއް އޯގާތެރިވާން އެބަ ޖެހެ އެވެ. އެންމެން އެކީ ތެދުވެ މަސައްކަތް ކޮށްފިނަމަ މިއީ އަރައިގަނެވިދާނެ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!