ޕްރިޒަން އޮފިސަރުންގެ 29 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި
ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ޕްރިޒަން އޮފިސަރުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ކޯހުގެ 29 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.
މި ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް އެވެ. އެ ރަސްމިއްޔާތުގައި އައިކޯސްޓްގެ ޑައިރެކްޓާ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުލް ޣަނީ އާއި މާފުށީ ޖަލުގެ ޑައިރެކްޓާ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން އާއި ޖަލުގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުންނާއި އީއެސްޖީގެ ޑެޕިއުޓީ ކޮމާންޑިން އޮފިސާ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހްމަދު އަބްދުލް ވައްހާބު މުހައްމަދާއި ކޮމިޝަންޑް އޮފިސަރުން އަދި ޓްރެއިނިން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.
15 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީނު ކޯހުގައި 16 އަންހެން ޕްރިޒަން އޮފިސަރުންނާއި 26 ފިރެހެން ޕްރިޒަން އޮފިސަރުން ހިމެނޭހެން ޖުމްލަ 42 އޮފިސަރުން ބައިވެރިވެފައިވެއެވެ.
އަށް މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަން އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދެވޭނެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި އެމް.ސީ.އެސްގެ ފަންނީ މުވައްޒަފުންނެވެ.