ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތް މިއަހަރު ޖެނުއަރީ މަހުން ފެށިގެން ނުނަންގަވާ ކަމަށް ވިދާޅުވެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިތުރުފުޅު ހައްދަވައިފި އެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް މި ދައުރުގައި މަޖިލީހުގެ ރައީސްގެ މަގާމުވެސް އަދާކުރެއްވި ނަޝީދު، ގާނާއަށް ވަގުތީ ގޮތުން ދިރިއުޅުއްވުން ބަދަލުކުރެއްވީ މިއަހަރު ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ.
ސީވީއެފްގެ ސެކެރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ނަޝީދު މި ވަގުތު ގެންދަވަނީ ސްރީލަންކާއަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ އޮންލައިން ނޫހެއް ކަމަށްވާ ''ދަ މޯނިން'' އަށް ދެއްވި އިންޓަވިއުގައި، މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނަވައި ސީވީއެފްގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދެވުމާއި ގުޅޭ ގޮތުން ނަޝީދާ ސުވާލުކޮށްފައިވެ އެވެ.
އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، ފެބްރުއަރީ މަހު ސީވީއެފްގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ހަވާލުވެވަޑައިގެންފައިވާއިރު ޖެނުއަރީން ފެށިގެން މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ ނުނަންގަވާ ކަމަށެވެ.
''ސީވީއެފްގައި މަސައްކަތް ކުރަން ފެށީ ފެބްރުއަރީ މަހުގެ ތެރޭގައި. ޖެނުއަރީ މަހުން ފެށިގެން އެމްޕީގެ މުސާރަ ނެގުން ހުއްޓާލިން'' ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް, މި ދައުރުގެ ބާކީ އޮތް މުއްދަތަށް ލިބޭ މުސާރަ އުނިކޮށްދެއްވަން ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއަށް ފޮނުއްވި ސިޓީއެއް އޭޕްރީލް މަހުގެ އެއްވަނަ ދުވަހު 'އެކްސް' ގައި ހިއްސާކުރެއްވި އެވެ. އެ ޓްވީޓްގައި އެމަނިކުފާނު އެދިވަޑައިގެންނެވީ ދައުރުގެ ބާކީ އޮތް މުއްދަތު (3 މަހުގެ) ގެ މުސާރަ އުނިކޮށްދެއްވުމަށެވެ.
މުސާރަ އުނިކޮށްދެއްވަން އެދި ނަޝީދު ފޮނުއްވި ސިޓީ
އެކަން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓާ ހަސަން ޒިޔާއު ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. ޒިޔާއު ވިދާޅުވީ ނަޝީދުގެ މުސާރަ އުނިކޮށްދޭން ރަސްމީކޮށް އެދިވަޑައިގެންނެވީ އޭޕްރީލް ގައި ކަމަށެވެ. އެކަމަކު މަޖިލީހަށް ވަޑައިނުގަންނަވާނަމަ މުސާރައިން ކޮންމެވެސް ވަރެއް އުނިވާނެ ކަމަށާއި ކޮމިޓީ އެލަވެންސްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ. މުސާރައިން އުނިވި އަދަދުގެ ތަފްސީލެއް ޒިޔާއު ހިއްސައެއް ނުކުރެ އެވެ.
މަޖިލީސް މެންބަރަކަށް މުސާރައާ އިނާޔަތާ އެކު މަހަކު 85،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.