ރާއްޖެ-ޔޫކޭ ގުޅުން އިތުރަށް ވަރުގަދަކުރަން މަޝްވަރާކޮށްފި
ރާއްޖެއާ އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ސަރުކާރުން އިސްކަން ދެއްވާކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ. ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމު ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ސާފު ހަކަތަ ހޯދުމުގައިހުރި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ގޮތެއްގައި ފިޔަވަޅުއެޅުމަށް ބައިނަލްއަޤްވާމީ ސިޔާސަތުތައް ކަނޑައެޅުން ފަދަ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ވަރަށް ބޮޑަށް ކުރިއަރަމުންދާކަންފާހަގަކުރައްވައި އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ކުރިއަށްއޮތް ދުވަސްތަކުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ދެ ބެފުޅުން ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުންދެއްވުމަށްވެސް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.