ޚަބަރު ސިޔާސީ

20 ވަނަ މަޖިލީހަށް ހޮވުނު އެމްޑީޕީ މެމްބަރުންނާ ސޯލިހު ބައްދަލުކުރައްވައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް ހޮވުނު އެމްޑީޕީ މެމްބަރުންނާ, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

Ads by MWSC

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީގެ އެޑްވައިޒަރުކަން ކުރައްވާ ސޯލިހާ މިއަދު ބައްދަލުކުރައްވާފައިވަނީ މިވަގުތު މާލޭގައި ތިއްބެވި އިންތިހާބީ މެމްބަރުންނާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަށް އިންތިހާބުވި މެމްބަރުން މި މަހު ހުވާ ކުރައްވާއިރު, މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބުވެފައިވަނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން މަދު މެންބަރެކެވެ.

އެމްޑީޕީއަށް އޮތް ސުޕަމެޖޯރިޓީ ގެއްލި, މަޖިލީހުގެ އާ ދައުރުގެ ސުޕަ މެޖޯރިޓީ ހޯދާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއިންނެވެ.

މަޖިލީހުގެ އާ ދައުރު ހުވާކުރަން ހަމަޖެހިފައި އޮތީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު އެ ޕާޓީގެ ފުރަތަމަ ގައުމީ މަޖިލިހުގެ ބައްދަލުވުން ރޭ ބާއްވައި އެއްބަސްވީ ބަލިވި ސަބަބު ދަނެގަނެ، މަގު ޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!