ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓެކްސް ކޮމިޝަނަރު ކަމަށް ޒަރީރު އައްޔަން ކުރަން ރުހުން ދީފި

އައިކާ ޔުނާން ، ދެން އޮންލައިން
ހަސަން ޒަރީރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

Ads by STELCO

ޒަރީރުގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ނަމެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަމާއި، ޒަރީރުގެ ނަމެވެ. ކޮމިޓީން ރުހުން ދީފައިވަނީ ޒަރީރުގެ ނަމަށެވެ.

ޒަރީރަށް ރުހުން އޮތް ކަމަށް ކޮމިޓީން ފާސްކުރިއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.

ޓެކްސް ކޮމިޝަނަރަށް އައްޔަނުކުރަން ފޮނުއްވި ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު އޭރު އޮތް ސަރުކާރުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!