އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލެއްވުމުން ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް ޝުކުރު އަދާކޮށްފި އެވެ.
ރައީސް މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރަފާއިން މިވަގުތު ފެންނަނީ މަރާއި ހިތާމައިގެ މަންޒަރުތަކެއް ކަމަށާއި އެ މަންޒަރުތައް ބަލަން، ބައިނަލްއަގުވާމީ ދުނިޔެ ހިމޭނުން ތިބެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ވަގުތުން ވަގުތަށް އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އެކަން ކުރުމަށް އައިސީޖޭއިން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި ޕޯސްޓާއިއެކު ފަލަސްތީނު ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ރާއްޖެއަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ރާއްޖެއަށް ލިބިފައިވާ ޕްލެޓްފޯމުގެ ބޭނުން ހިފައި ފަލަސްތީނަށް އެއްބާރުލުން ދެމުންދާތީ އެގައުމުންވަނީ އެކަން ފާހަގަކޮށްފަ އެވެ.
މީގެ ކުރިން ދެކުނު އެފްރިކާއިން ވަނީ އިޒްރޭލުން ހިންގަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ އައިސީޖޭއަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެފަހަރު އެ ކޯޓުން ހުކުމް ކުރީ ނަސްލު ނައްތާލުމުގެ އަމާޒުގައި އިޒްރޭލުން ހިންގަމުންދާ ހުރިހާ އަމަލެއް ހުއްޓާލުމަށެވެ. ނަމަވެސް އިޒްރޭލުން އެ ހުކުމް ބޮލާލައި ޖެހި އެވެ.
ފަހުން އަނެއްކާވެސް ދެކުނު އެފްރިކާއިން ވަނީ އައިސީޖޭއަށް އިތުރު މައްސަލައެއް ހުށަހަޅައިފަ އެވެ. ރައީސް ޑރ. މުއިއްޒު ވަނީ އެމައްސަލައިގައިވެސް ރާއްޖެއިން ފަލަސްތީނަށް ފުރިހަމައަށް ތާއީދު ކުރާކަމަށް ވިދާޅުވެފަ އެވެ.
ފަލަސްތީނާއި ދެކޮޅަށް އިޒްރާއީލުން ދެމުންދާ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 34،000 އެއްހާ މީހުން ވަނީ ގަތުލުކޮށްފަ އެވެ.