ޚަބަރު

ހުޅުމާލޭ ދޭއްގެ ބީޗް ހަޓްތައް ނަގައި، އެ ސަރަހައްދު ތަރައްގީ ކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު - ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތައް ނަގައި، އެ ސަރަހައްދު ތަރައްގީ ކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެ ސަރަހައްދު ތަރައްގީ ކުރުމަށް އެތަނުގައި ހުރި ހަޓުތަކާއި، އެތާނގައި ބަހައްޓާފައިވާ ތަކެތި މި މަހުގެ 30 ގެ ނިޔަލަށް ނަގަން އަންގާފައިވާ ކަމަށެވެ.

އިތުރަށް އެޗްޑީސީއިން ބުނީ، ދެވިފައިވާ މުއްދަތުގައި މި ތަކެތި ނަގާފައި ނުވާނަމަ، އެ ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން، ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށެވެ. ނަމަވެސް މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

މީގެއިތުރުން، އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުން ދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ދިމާވެފައިވާ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ދަނީ މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!