ޚަބަރު އިޖުތިމާޢީ

މާލޭގެ ހަތަރު ސަހަރާއަކުން ޕާކިންއަށް ޖާގަ ހުސްކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މައްޗަންގޮޅި ސަހަރާއިން ބައެއް ޕާކިންއަށް ހުސްކޮށްފައި

މާލޭގެ ހަތަރު ސަހަރާއަކުން ޖާގަ ހުސްކޮށް ވެހިކަލް ޕާކިންއަށް ހާއްސަކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

Ads by STELCO

ވީޓީވީގެ ޕްރޮގުރާމެއްގައި ބައިވެރިވެ ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރާއި ގުޅިގެން ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭގެ ބައެއް ސަހަރާތަކުން ޖާގަ ހަދައި ޕާކު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. ސަހަރާތަކުގައި ޕާކިން ޖާގަ ހެދުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާ ސިޓީ ކައުންސިލުން މިހާރު ހޯދާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޕާކިން އޭރިއާއަށް ބަދަލުކުރުމަށް ނިންމާފައިވަނީ މައްޗަންގޮޅި ސަހަރާގެ ކަންމަތީން ބަޔަކާއި، ގަލޮޅު ސަހަރާ، މާފަންނު ސަހަރާ، އަދި ހެންވޭރު ސަހަރާގެ ބިންތަކެއް ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

އާޒިމް ވިދާޅުވީ މިމަސައްކަތަށް ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށެވެ. އެހެންނަމަވެސް މިމަސައްކަތަކީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ބާ ޖަމާލުއްދީން ސްކޫލުގެ ޕާކިން އޭރިއާ ހެދުމުގެ ޑިޒައިންގެ މަސައްކަތް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިހާރު ފަށާފައިވާކަމަށްވެސް އާޒިމް ވިދާޅުވި އެވެ. މާލެ ސިޓީ ކައުންސިލުން މުޅި ޖުމްލަ 12 މަޝްރޫއެއް ޕާކިން މައްސަލަ ހައްލުކުރަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންދާނެކަމަށް އާޒިމް ވިދާޅުވި އެވެ.

މިމަސައްކަތްތައް މުޅިން ނިމުމުން މާލޭގެ ޕާކިންގް މައްސަލަ ހައްލުވާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!