ތަރުޖަމާނަކު ބޭނުންވި، ދިވެހި މީހާ ބަންދުކުރީ މީހަކަށް މަރުގެ އިންޒާރުދީގެން

ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ކަމަށް ކްރިމިނަލް ކޯޓުގައި ބުނި ދިވެހި މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.
އެއީ ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލެއްގައި ހައްޔަރުކުރި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މާލެއަށް ނިސްބަތްވާ އޭނާ އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކޮށްފައިވަނީ އިއްޔެ އެވެ. އިއްޔެ ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާއަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކަމަށެވެ. އެހެންކަމުން ތަރުޖަމާނެއް ހޯދުމުގެ ފުރުސަތު ދީ އޭނާގެ ބަންދަށް ޖެހީ އެއް ދުވަހެވެ.
ބަންދުގެ މުއްދަތު މުރާޖައާކުރުމަށް މިއަދު ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފަ އެވެ.
ކޯޓުގައި އޭނާ ވަނީ މުދަލަށް ދިން ކަމަށާއި މަރުގެ އިންޒާރު ދިން ކަމަށް އިއުތިރާފް ވެފަ އެވެ. އެކަމަކު އޭނާ އިންޒާރު ދިނީ ކޮން ބަހަކުން ކަމެއް ކޯޓު އަމުރަކުން އެނގޭކަށް ނެތެވެ.
ބަންދު އަމުރުގައިވާ ގޮތުން, ފުލުހުންގެ ހާދިސާ ރިޕޯޓާއި މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނުން އޭނާ މުދަލަކަށް ދިން ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ ބަންދުގައި ބަހައްޓަން ނިންމާފައިވަނީ މުޖުތަމައުގެ ސަލާމާތައި ރައްކާތެރިކަމަށްޓަކައި ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.