އުމްރާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އުމްރާއަށް ވަޑައިގެންނެވީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައެވެ.
ރައީސްގެ އަރިހުގައި އުމްރާގެ އަޅުކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ގެންދެވި އެވެ.
އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރު އަލީ އާރިފާއި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރެވެ.
ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގައި ރައީސް ކުރެއްވި މި ދަތުރުފުޅުގައި ވަނީ މަދީނާއަށް ވަޑައިގެންފައެވެ. އަދި މަދީނާގައި ކިޔަވަމުން ގެންދަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފައެވެ.