ހައްލު ހޯދަން ޓެކްސީން ބަހަށް
- ޓެކްސީ ކުލި ކޮންޓްރޯލް ކުރުމަކީ ހައްލެއް ނޫން
- ބޮޑު އަގުގައި ހިދުމަތް ދޭން ދޫކޮށްލުމަކީވެސް ހައްލެއް ނޫން
- ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން މުހިންމު
ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތައް ގިނަ އެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ތޮއްޖެހިގެން އުޅެން ޖެހުމުގެ ސަބަބުން އާންމުކޮށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މީގެ ސަބަބުން މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ތަކުލީފަކާއި ދުއްތުރާތަކެއް މިވަނީ އުފުލަން ޖެހިފަ އެވެ.
މި ދުވަސްވަރު އެންމެ ބާރަށް މި ދެކެވޭ ވާހަކައަކީ އެއާޕޯޓު ޓެކްސީ ކިއުގެ ވާހަކަ އެވެ. ދާދި ފަހުން މީހަކު ޓިކްޓޮކްގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ މިކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެހެން ގައުމުތަކުން ނުވަތަ އެހެން ރަށްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މީހުން ނިކުންނަ ގޭޓު ކައިރީގައި ދިގު ޓެކްސީ ކިއުއެއް އޮވެ އެވެ. އެހެންނަމަވެސް އެ ކިއުއިން ހިދުމަތް ހޯދުމަކީ އުނދަގޫ ކަމެކެވެ. ޓެކްސީ ޑްރައިވަރުން ބޭނުންވަނީ އެމީހުން ބޭނުންވާ އަގެއްގައި ދަތުރު ކުރާށެވެ. އަދި ވަކި މަންޒިލަކަށް ދާނަމަ ދަތުރު ނަގަން ބޭނުން ނުވެ އެވެ. ވަކި އަދަދަކަށް ލަގެޖު ހުރިނަމަ ދަތުރު ކުރާކަށް ބޭނުމެއް ނުވެ އެވެ.
މި ކަންބޮޑުވުންތަކަކީ ދުވަސްތަކެއް ވަންދެން އާންމުންގެ ފަރާތުން ލިބި ހައްލެއް ނުލިބި އޮތް ކަންބޮޑުވުންތަކެކެވެ. މާލެއާއި އެއާޕޯޓު ގުޅުވައިލި ބްރިޖުގެ ހިދުމަތް ފެށީއްސުރެއް މި ކަންބޮޑުވުން އެބަ އޮތެވެ. އޭރުއްސުރެއް މިމައްސަލައަށް ހައްލެއް ނުލިބި އޮތީ އެވެ.
ސަރުކާރުން ބޭނުންވާ ހައްލު
ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިޔަ ވީޑިއޯއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލައަށް އެޓެންޑުވި އެވެ. އެގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ޓެކްސީގެ އަގުތަކަށް ބަދަލު ގެނަ އެވެ. ކުރިން ހިދުމަތް ދޭން ކަނޑައަޅާފައި އޮތް އަގުތަކަށް 10 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގެ އަދަދެއް އިތުރު ކުރި އެވެ.
މިއާއެކު އާންމުންގެ ކަންބޮޑުވުން އަނެއްކާވެސް ވީ އިތުރެވެ. ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުވުމަކީ އާންމުންނަށް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމެކެވެ. އެހެންނަމަވެސް ސަރުކާރުން ވިސްނީ މި ހިދުމަތް ދޭ ފަރާތަށާއި ލިބޭ ފަރާތަށްވެސް އެންމެ އިންސާފުވެރި ގޮތަށް ކަންކަން ކުރާށެވެ.
މިވަރުންވެސް މައްސަލަ ހައްލެއް ނުވި އެވެ. ޓެކްސީ ޑްރައިވަރުން ނަގަމުން އައީ ސަރުކާރުން ކަނޑައެޅި އަގުތަކަށްވުރެއް ބޮޑު ފީ އެކެވެ. އަދި ޝަރުތުތަކަކާއިއެކު ނޫނީ ޓެކްސީގެ ހިދުމަތްވެސް ނުދެ އެވެ. ދަތުރު ނަގަނީ އެކަކު ނޫނީ ދެމީހަކުނަމަ އެއާޕޯޓުން ދަތުރު ފަށަނީ އެހެން މީހުންވެސް ޓެކްސީއަށް އަރުވައިގެންނެވެ.
ދެން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމީ ފުލުހުން ނެރެ ގަވާއިދު ތަންފީޒު ކުރާށެވެ. އެގޮތުން ޓެކްސީ ކިއުގެ ހިދުމަތް އެންމެންނަށް އިންސާފުވެރިކަމާއިއެކު އަދި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކުގައި ދޭތާ ބަލަން ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފެށި އެވެ. އެކަމަކު މިއީވެސް މައްސަލައިގެ ހައްލަކަށް ނުވި އެވެ. ޑްރައިވަރުން ދެން ނިންމީ އެއާޕޯޓު ދަތުރުތައް ނުނަގާށެވެ. މިއާއެކު އެއާޕޯޓުން ގެއަށް ދާން ބޭނުންވާ ނުވަތަ ގެއިން އެއާޕޯޓަށް ދާން ބޭނުންވާ މީހުންނަށް ދަތުރު ލިބުމުގައި އިތުރު ދަތިތަކަކާއި ކުރިމަތިލާން ޖެހުނީ އެވެ.
ޑްރައިވަރުންގެ ކަންބޮޑުވުން
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެގޮތުން ޕެޓްރޯލުގެ އަގު މައްޗަށް ދާ ކޮންމެ ފަހަރަކު ޓެކްސީ ސެންޓަރުތަކުން އަގު ބޮޑުކުރަން ޑިމާންޑު ކުރެ އެވެ. މާލެ ތޮއްޖެހުމުގެ ސަބަބުން އެތެރޭގެ ދަތުރުތައް ކުރަން ބޭނުން ނުވެ އެވެ. މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ޝަރުތުތަކާއިއެކު ބޮޑު އަގު ނަގަމުން ދިޔަ އެވެ.
މިމައްސަލައިގައިވެސް ޓެކްސީ ޑްރައިވަރުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެންމެ ފުރަތަމަ ކަމަކަށް ޑްރައިވަރުން ފާހަގަކުރަނީ ޓެކްސީ ކުލި ސަރުކާރުން ކޮންޓްރޯލް ކުރުމުގެ ކަންބޮޑުވުމެކެވެ. ޑްރައިވަރުން ބުނާ ގޮތުގައި މާލޭގެ ގެދޮރުގެ މައްސަލަ ބޮޑުވެފައި އޮތްއިރު އޭގެ ކުލި ސަރުކާރުން ކޮންޓްރޯލް ކުރަން ބޭނުން ނުވާއިރު ޓެކްސީ ހިދުމަތުގެ އަގު ސަރުކާރަށް ކޮންޓްރޯލް ކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ގެދޮރު އިމާރާތްކުރަން ބޮޑެތި ލޯނުތައް ނަގައިގެން ގެއްލުން ވެދާނެތީ ސަރުކާރުން ކުލި ކޮންޓްރޯލް ނުކުރާއިރު ޓެކްސީ ކުރާ ފަރާތްތަކުންވެސް ވެހިކަލް ގަންނަން ލޯނު ނަގާކަން ޑްރައިވަރުން ފާހަގަކުރެ އެވެ.
އަނެއްކޮޅުން އަމިއްލަ ފަރާތްތަކުގެ ވިޔަފާރިއަށް ސަރުކާރަށް ވަދެވިގެން ނުވާނެކަމަށް ޑްރައިވަރުން ދެކެ އެވެ. މިސާލަކަށް މާލޭގެ އެކި ރެސްޓޯރެންޓުތަކުގައި ކާއެއްޗެހީގެ އަގުތައްވެސް އުޅެނީ އެކި ވަރަށެވެ. އެއް ރެސްޓޯރެންޓުގައި ސީފުޑް ސޫޕް އެއް 75 ރުފިޔާއަށް ލިބޭއިރު އަނެއް ރެސްޓޯރެންޓުގައި ސީފުޑް ސޫޕް ލިބެނީ 150 ރުފިޔާ އަށެވެ. މިވިޔަފާރީގެ އަގުތައް ސަރުކާރުން ކަނޑައެއް ނާޅަ އެވެ. ވީއިރު ޓެކްސީގެ ހިދުމަތުގެ އަގުވެސް ސަރުކާރަށް ކަނޑައެޅިގެން ނުވާނެކަމަށް ޑްރައިވަރުން ދެކެ އެވެ.
ހައްލެއް ހޯދިދާނެތަ؟
އެއާޕޯޓު ޓެކްސީ ހިދުމަތުގެ މައްސަލަ މިވަނީ ދިގުލައިގެން ގޮސްފަ އެވެ. އާންމު ރައްޔިތުންނަށް އުފުލަންޖެހުނު ތަކުލީފުތައް މިހާރު މިވަނީ އިތުރަށް ބޮޑުވެފަ އެވެ. މިމައްސަލައިގައި ހައްލެއް ހޯދިދާނެކަމާއިމެދުވެސް މިވަނީ ސުވާލު އުފެދިފަ އެވެ. ޓެކްސީ ހިދުމަތުގެ އަގު ބޮޑުކޮށްފިނަމަ އާންމު ރައްޔިތުން ހިތްހަމައެއް ނުޖެހޭނެ އެވެ. އަދި މިއީ ކޮންމެ މީހަކަށް އެފޯޑުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަނެއްކޮޅުން އެއްވަރެއްގައި ހިފެހެއްޓިފައިވާ އާދައިގެ އަގެއް މިހިދުމަތަށް ކަނޑައަޅައިފިނަމަ ޓެކްސީ ޑްރައިވަރުން ހިތްހަމައެއް ނުޖެހޭނެ އެވެ. މިއީ ޓެކްސީ ވިޔަފާރިއަށްވެސް ގެއްލުން ލިބޭނެ ކަމެކެވެ.
އޮސްޓްރޭލިއާގެ ސިޑްނީ، އެމެރިކާގެ ސެން ފްރެންސިސްކޯ، ވޮޝިންގްޓަން ޑީސީ ފަދަ ތަރައްގީ ސިޓީތަކުގައި އެއާޕޯޓުން ގެއާއި ހަމައަށް ދިޔުމަށް ބޭނުންކުރަނީ ޓްރެއިންގެ ހިދުމަތެވެ. އަދި ބައެއް ތަންތަނުގައި ބަހުގެ ހިދުމަތްވެސް ވަރަށް ފުޅާ ގޮތެއްގައި ދަނީ ދެމުންނެވެ. މިކޮންމެ ސިޓީއަކީވެސް ބައި ބޯ އަދި އާންމު ހާލަތު އެންމެ މުއްސަނދި ސިޓީތަކެއް ނޫނެވެ. އެހެންކަމުން މިތަންތަނުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދިނުން މުހިންމެވެ.
މާލެއަށް ބަލާއިރު އެމްޓީސީސީން މިހާރުވެސް ދަނީ ބަހުގެ ހިދުމަތް ދެމުންނެވެ. ހާއްސަކޮށް މާލެއާއި ހުޅުމާލެއާއި ދެމެދު ދެމުންދާ ބަހުގެ ހިދުމަތްތަކަށް އާންމުންގެ ބޮޑު ޑިމާންޑެއްވެސް އޮވެ އެވެ. މިހާރު ކުރިމަތިވެގެން މިއުޅޭ ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރެވިދާނެ އެންމެ ފަސޭހަ ގޮތަކީ އެއާޕޯޓުން ދެމުންދާ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް މިހާރަށްވުރެއް ރަނގަޅު ކުރުމެވެ. ޓެކްސީ ކުލި ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ބަހުގެ އަދަދު އިތުރުކޮށް ކައިރި ކައިރީގައި ބަސް ދަތުރުތައް އެއާޕޯޓަށް ބޭއްވިއްޖެނަމަ މައްސަލަ ހައްލުވެ އާންމުންނަށް އުފުލަންޖެހޭ އުނދަގޫތަކަށްވެސް ހައްލު ލިބިދާނެ އެވެ.
މިހާރު އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތުގައި އެންމެ ބޮޑަށް ދިމާވާ ދައްޗަކީ ލަގެޖު އެރުވުމުގެ ދައްޗެވެ. އެހެންކަމުން ހަމައެކަނި އެއާޕޯޓަށް ހާއްސަކޮށްގެން ބަސްތަކެއް ގެނަސް އެއަށް ލަގެޖު އެރުވޭނެ އިންތިޒާމުވެސް ހަމަޖެއްސުން މުހިންމެވެ. މިސާލަކަށް މިހާރު މާލެއިން އެއާޕޯޓަށް ބަސް ދަތުރެއް މިކުރަނީ 10 ރުފިޔާ އަށެވެ. އަލަށް ފަށާ ހިދުމަތުގައި 20 ރުފިޔާއަށް ބަސް ދަތުރު ކުރެވިދާނެ އެވެ. ނުވަތަ 50 ރުފިޔާއަށްވެސް ހިދުމަތް ދެވިދާނެ އެވެ. އޭރުންވެސް ޓެކްސީ ހިދުމަތް ހޯދަން އާންމުންގެ އަތުން ދާ 120 ރުފިޔާ ނުވަތަ 150 ރުފިޔާގެ ތިންބައިކުޅަ އެއްބައިވެސް އަތުން ނުދާނެ އެވެ.
ސަރުކާރުން އަމިއްލަ ވިޔަފާރިއެއްގެ ތެރެއަށް ވަދެ އެ ކޮންޓްރޯލް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެންނަމަވެސް އާންމުންނަށް ދޭންޖެހޭ ހިދުމަތެއްގެ ފެންވަރު ރަނގަޅު ކުރަން ސަރުކާރު ކުންފުންޏަކުން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފުޅާ ކުރިޔަސް ޓެކްސީތަކަށް އޮންނަ ޑިމާންޑު ކޮންމެވެސް ވަރަކަށް ދަށަށް ހިނގައިދާނެ އެވެ. އެހެންނަމަވެސް އޭރުން ޓެކްސީއަށް އަރާނީ ޑްރައިވަރުން ނަގާ އަގުތަކަށް ރުހިގެން އެހިދުމަތް ހޯދާ މީހުން އެކަންޏެވެ.