ބަންޑާރަ ކިޅިއަށް ގެއްލުންވާ ޒާތުގެ ގަސްތަކެއް އާލާވާތީ ނައްތާލަނީ

އާބާދީގައި 10،000 އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކު ސިޓީގެ "ބަންޑާރަ ކިޅި" ގެ އަސްލު، ދެ ބާވަތެއްގެ ގަހެއްގެ ސަބަބުން ގެއްލޭތީ އެ ތަކެތި ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، ބަންޑާރަ ކިޅިން ފެންކުރީގެ ބާވަތެއް ކަމުގައިވާ 'ކެނޭޑިއަން ވޯޓާ ވީޑްސް' އަދި 'ލޮޓަސް' ގަސްތަކެއް އާލާވަމުންދާ ކަމަށެވެ.
ކައުންސިލުން ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގަސްތަކުގެ ސަބަބުން ބަންޑާރަ ކިޅީގެ އަސްލު ގެއްލޭތީވެ މުއައްސަސާތަކާއި ގުޅިގެން ބަންޑާރަ ކިޅިން އެ ދެ ވައްތަރުގެ ގަސްތައް ނަގަމުންދާ ކަމަށެވެ.
އެ ދެބާވަތުގެ ގަހަކީވެސް ބަންޑާރަ ކިޅިން މީގެ ދެތިން ހަތަރު އަހަރަކާއި ހަމައަށް އެއްވެސް ވަރަކަށް ފެނިފައިނުވާ ގަސްތަކެއް ކަމަށް ކައުންސިލުން ބުންޏެވެ.
އެހެން ކަމުން އެކިޅީގެ އުފެދުމުގައި އަދި ކިޅީގެ ދިރުންތަކުގެ ތެރޭގައި ނުހިމެނޭ އެގަސްތައް އެތަނުގައި އާލާވެ ފެތުރުމުގެ ސަބަބުން ބަންޑާރަ ކިޅީގެ ގުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުތައްކުރާ ކަމަށް ކައުންސިލުން ބުންޏެވެ.
އެގޮތުން މަސްމަހާމެހީގެ އާބާދީ ދަށްވުމާއި ކިޅީގައި ހިމެނޭ ޖުމްލަ ފެނުގެ އިންސައްތަ ދަށަށް ދިއުމަކީ ކުރިމަތިވުން އަވަސް އަދި އޭގެ ނޭދެވޭ އަސަރު ބޮޑެތި ގެއްލުންތަކެއް ކަމަށް ކައުންސިލުން ބުންޏެވެ.
ގުދުރަތީ ރީތިކަން ލިބިފައިވާ ފުވައްމުލަކުގައި ހިތްގައިމު ދެކުޅި އޮވެއެވެ. އެއީ ބަންޑާރަކިޅީގެ އިތުރުން ދަޑިމަގިކިޅިއެވެ.