ދުނިޔެ

100 ދުވަހަށް ފަހު ތައިލެންޑުން މުޖްތަމައުން ބަލި ފެނިއްޖެ

އާއިޝަތު އަލީނާ ، ދެން އޮންލައިން

ތައިލެންޑުން ކޮވިޑް-19 އަށް މީހަކު ފައްސި ނުވާތާ 100 ދުވަސް ފަހުން، އެޤައުމުން މިބަލި ޖެހިފައިވާ މީހަކު ފެނިއްޖެއެވެ.

Ads by Sosun Fihaara

"ބެންކޮކް ޕޯސްޓް" އިން ، ހެލްތު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ކުށެއް ސާބިތުވެގެން ދާދި ފަހުން ބެންކޮކުގެ ޖަލެއްގައި ބަންދު ކުރި މީހެކެވެ. މިމީހާގެ ޓްރެވެލް ހިސްޓްރީއެއް ނެތްއިރު، މިމީހާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އުމުރުން 37 އަހަރުގެ އެ މީހާއާ، ވޭތުވެދިޔަ ދެ ހަފުތާ ތެރޭ ބައްދަލުވި އެންމެން ދެނެގަނެވި އެ މީހުން އައިސޮލޭޓްވުމަށް މިހާރު ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި އެ މީހާ މަސައްކަތް ކުރި ތިން ތަނެއްގެ މުވައްޒަފުންނާއި އޭނާގެ މައްޗަށް ހުކުމްކުރި ކޯޓުގެ އޮފިޝަލުން ހިމެނެ އެވެ.

ޖަލު ބަންދެއްގައި ހުރި މިމީހާ ވަނީ ޑީޖޭއެއްގެ ގޮތުގައްޔާއި، ދެ ރެސްޓޯރެންޓް އަދި ކެފޭއެއްގައި މަސައްކަތްކޮށްފައި ކަމަށް އެޤައުމުގެ ޑިޒީސް ކޮންޓްރޯލް އިން ރިޕޯޓްކުރެއެވެ.

މިދިޔަ މެއި މަހަށް ފަހު ތައިލެންޑުން މުޅިން ވެސް ޕޮޒިޓިވްވެފައި ވަނީ ގައުމުން ބޭރުން އަންނަ މީހުންގެ ތެރެއިން ކަރަންޓީން ކުރާ މީހުން އެކަންޏެވެ. ތައިލެންޑުން ވަރަށް ކުރިއްސުރެ ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކޮށްފައެވެ. އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 3،427 މީހުންނެވެ. ތައިލެންޑުން 58 މީހުން މަރުވި އިރު އެކްޓިވްސް ކޭސްގެ އަދަދަކީ މިހާރު 96 އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!