Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖަމްއިއްޔާތަކުގެ މަހާސިންތާ ވިލިގިލީގައި ބާއްވަނީ

ޖަމްއިއްޔާތަކުގެ މަހާސިންތާ ވިލިގިލީގައި ބާއްވަނީ
ޖަމްއިއްޔާތަކުގެ މަހާސިންތާ 2024 ގއ. ވިލިގިލީގައި މިމަހު 25 ގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާ ފަންނާ ބެހޭ ވުޒާރާއިން ބުނެފި އެވެ. އެ ވުޒާރާއިން ބުނީ، ޖުމުލަ 60 ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާ އޮންނާނީ މި މަހު 25 އިން 27 އަށް ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގެ ހޯލު ގައި ކަމަށެވެ. އެ މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ. މީގެ އިތުރުން ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިނގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް އެ މަހާސިންތާގައި ރާވާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. މި މަހު ވިލިގިލީގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މިހަރާކާތުގެ ބައިވެރިންގެ ތެރޭގައި އަތޮޅަށް ނިސްބައްވާ މަދަނީ ޖަމްއިއްޔާތަކާއި ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕމެންޓް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ގއ. އަތޮޅުގައި ހަރަކާތްތެރިވާ މުއައްޒަފުން ހިމެނޭނެއެވެ މި މަހާސިންތާގެ މަގުސަތުތައް:
  • ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ތަކުގެ ހިންގުން ހަރުދަނާ ކުރުން
  • ޖަމްއިއްޔާ ތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓާ ތަކާއި ދެމެދު ގުޅުން ބަދަހިކުރުން
  • މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާ ތަކުގެ ބައިވެރިވުން އިތުރު ކުރުން.
  • އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާ ތަކުގެ ދައުރު އިތުރު ކުރުން
އެ މަހާސިންތާގައި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުލޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް