ޚަބަރު އިޖުތިމާޢީ

ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ ރަށެއްގައި ވެސް މޫދު ހަރަކާތްތަކެއް ހިންގަން ނިންމައިފިއެވެ.

Ads by Hajj Corporation

ފިޝަރީޒް މިނިސްޓްރީއިން ބުނީ، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ މަހު 8 ގައި ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، "އެންމެން މޫދަށް" ގެ ނަމުގައި ރަށްރަށުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅުގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އިތުރަށް މިނިސްޓްރީއިން ބުނީ، މި ދުވަހާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. އެއިން ކޮންމެ މުބާރާތަކުންވެސް ވަނަތައް ހޮވައި އިނާމު ދޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މީގެއިތުރުން، މި ދުވަހާއި ގުޅުވައިގެން، އެ މިނިސްޓްރީގެ މީސް މީޑިއާ މެދުވެރިކޮށް އަންނަ މަހުގެ ފުރަތަމަ 8 ދުވަހު، ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ކަނޑުފަޅާ ބެހޭ އާންމު މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން މިނިސްޓްރީގެ މީސް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކުއިޒް މުބާރާތެއްވެސް ކުރިއަށް ގެންދާނެއެވެ. އަދި މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދުވަހާއި ގުޅޭ ހާއްސަ މައުލޫމާތު ސެޝަނެއްވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި އެ ސެޝަން ކުރިއަށް ގެންދާނީ ދާއިރާގެ ފަންނީ ބޭފުޅުންނާއި އެކުގައި ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މި ސެޝަންގައި ބައިވެރިވާ ދަރިވަރުން، މޫދަށް އަޅާ ކުނި މަދު ކުރުމަށް ގަރާރެއްގައި ސޮއި ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީއިން ވަނީ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް ރާވާފައެވެ. އެގޮތުން، އެކުދިންނަށް ޑައިވް ހަރަކާތެއް ހިންގުމާއި މާލެ ސަރަހައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވާނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

އަދި "ކަނޑުރޯދި އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށާއި، އެ ފެސްޓިވަލްގައި ދުވަހާ ގުޅޭ އެކި މައުލާމާތު ދިނުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!