ކިބުރުވެރިކަން މަތީ ދުވަސްތައް ހޭދަކުރާ އިންސާނާ އާއެވެ!ތިގޮތުގައި ހުއްޓާ މަރު އައިސް ބައްދަލުކޮށްފާނެކަމާއި މެދު ޣާފިލްވަނީ ހެއްޔެވެ؟
ކޮންމެ ނަފުސަކީ ވެސް ވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ. މި ޙަޤީޤަތަކީ ތަކުރާރުކޮށް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވީ ނަމަވެސް ، އެޤުރުއާން ޤަބޫލު ނުކުރާ މީހުން ވެސް އިންކާރު ނުކުރާ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ) سورة آل عمران: 185
މާނައީ: "ކޮންމެ ނަފުސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ،ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީއުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."
ވީއިރު ދުނިޔޭގައި ހޭދަކުރާ ކޮންމެ މިނެޓެއް ، ކޮންމެ ގަޑިއިރަކާއި މެދު ވެސް ކޮންމެ މީހަކު ވެސް ވިސްނާލުން ހުއްޓެވެ. ބޮޑާކަންމަތީގައި ދުވަސްތައް ގުނަމުންދާ އިންސާނާއާ އެވެ! އެމީހެއްގެ އަޖަލު އެމީހަކާއި ބައްދަކު ކުރާނީ ކޮން ވަގުތެއްގައި ކަމެއް އެއްވެސް އިންސާނަކަށް އެނގުމުގެ ކުޅަދާނަކަން ލިބިގެނެއް ނުވެއެވެ. ދެން ފަހެ ތި ބޮޑާ ކަންމަތީގައި ހުއްޓާ މަރު އައިސް ބައްދަލުކޮށްފާނެ ކަމާމެދު ޣާފިލް ވަނީ ހެއްޔެވެ؟
ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ވަގުތީ އުފަލާއި ވަގުތީ ހިތްހަމަ ޖެހުމެވެ. ކޮންމެ މީހަކުވެސް ދާން އޮތް މަންޒިލަކީ އާޚިރުގައި އެއް މަންޒިލެކެވެ. އެއީ ނިމުނެއް ނެތް ދާއިމީ މަންޒިލެވެ.
އެހެންކަމުން ތިމާގެ ނިމުމާއި މެދު ވިސްނާކަށް ނުވޭހެއްޔެވެ؟ ތިމާ މަރުވާނީ ކޮންތާކު ކީއްކުރަން ހުއްޓާ ކަމެއް ތިމާއަށް އެނގޭހެއްޔެވެ؟ ގަދަވެ ސިއްޙަތު ސަލާމަތުން ހުއްޓައިތޯ ނޫނީ ބަލިއެނދުގައި އޮވެތޯ ތިމާއަށް އެނގިގެންވޭ ހެއްޔެވެ؟ އޭ ނިކަމެތި އިންސާނާއެވެ. ތިމާގެ ނިމުން ވަނީ މިއަދު ނުވަތަ މާދަމާ ކަމެއް ނޭނގެއެވެ. މަރު ތިބާއާއި ކިހާ ގާތްކަމެއް ވެސް ތިބާއަކަށް އެނގިގެނެއް ނުވެއެވެ.