ޚަބަރު އިޖުތިމާޢީ

މަސްވެރިކަމުގެ ސިނާއަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑިއުޓީ ބޮޑުވުން: ޝިޔާމް

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓިނިވި ގޮތެއްގައި މަސްވެރިކަން ކުރާ ގައުމުތަކުގައި ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާއަތުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ތަރައްގީވެފައިވާ ގައުމުތަކުން މަތިކޮށްފައިވާ ބޮޑު އިމްޕޯޓް ޑިއުޓީކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު އެހެން ވިދާޅުވީ، 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދިޔަ މިނިސްޓީރިއަލް އެންޑް އިންޑަސްޓްރީ ހައިލެވެލް ޑައިލޮގް އޮން ސަސްޓެއިނަބަލް ޓޫނާ ފިޝަރީޒް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، އިމްޕޯޓް ޑިއުޓީ ބޮޑުވުމުގެ ސަބަބުން، ކުދި ގައުމުތަކުގެ އުޅަނދު ފަހަރުން ބާނާ އަދި އެ ގައުމުތަކުގައި އުފައްދާ މަހުގެ ބާވަތްތަކަށް ތަރައްގީވެފައިވާ ގައުމުތަކުގެ އިންޑަސްޓްރިއަލް އުޅަނދުފަހަރުން ބާނާ މަހާއި ބައިނަލްއަގްވާމީ ބާޒާރުތަކުގައި ވާދަކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.

މީގެ އިތުރުން, ދުނިޔޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ނުވަތަ ޓޫނާ ފިޝަރީޒްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެއްވެސް ބެލެހެއްޓުމެއް ނެތި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކުން ގަވާއިދާއި ހަލާފަށް ކުރާ މަސްވެރިކަންކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި އެކަން ހުއްޓުވުމަށް ގައުމުތަކުން އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކުގައި ނުވަތަ ބޭރުކަނޑުގައި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން މޮނިޓާކޮށް އެކަން ހުއްޓުވުމަށް ބޮޑެތި ހަރަދުތަކެއް އަންނަނީ ކުރަމުންނެވެ. ނަމަވެސް މިކަން ކާމިޔާބުވާނީ ހުރިހާ ގައުމުތަކެއް ގުޅިގެން މިފަދަ ފިޔަވަޅުތަކެއް އެޅި، ސިނާޢަތުގައި ހަރަކާތެރިވާ އެންމެހާ މަސްލަހަތުވެރިންގެ ބައިވެރިވުމާއި އެހީތެރިކަން މިކަމުގައި ލިބިގެންކަމަށް ޝިޔާމް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!