ޚިޔާލު ރިޕޯޓް

ސަރުކާރަށް ފާރަވެރި ސަރުކާރެއް

  • ސިޔާސީ މަގާމުތަކަށް ދަނީ ބަދަލުތަކެއް ގެންނަމުން
  • ހިންގުން ހަރުދަނާ ކުރުމަށް ފިޔަވަޅު އަޅާނެ
  • ސަސްޕެންޑު ކުރުމާ ވަކިކުރުމަށް ފަސް ނުޖެހޭނެ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ނިމިގެން މިދިޔަ ހަފްތާއަކީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޮޑު ލޮޅުމެއް އަރައިގެން ދިޔަ ހަފްތާ އެކެވެ. މަގާމުތަކަށް ގެނެވުނު ބަދަލުތަކާއިއެކު އެކި މީހުންގެ ހިޔާލު ހުރީ އެކި ގޮތަށެވެ. އެއް ބަޔަކު ފާޑުކިޔަމުން ބުނީ ސަރުކާރުން ގޯސްތަކެއް ހަދަނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ސަރުކާރުން ޒީރޯ ޓޮލަރެންސާއިއެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަނީ ކަމަށެވެ.

Ads by Hajj Corporation

 

އެމްއެމްޕީއާރުސީ ހުސްކަމެއްގައި

ނިމިދިޔަ ހަފްތާގައި އެންމެ ބޮޑު ލޮޅުމެއް އެރީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ ސަރުކާރު ކުންފުނި މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކުންފުންޏަށެވެ. މިދިޔަ އޭޕްރީލް މަހު އެ ކުންފުނީގެ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި ރާފިލް މުހައްމަދު އިސްތިއުފާ ދެއްވި އެވެ. އޭނާ އިސްތިއުފާ ދެއްވީ ބޯޑުގެ ނިންމުންތަކާއިމެދު ހިތްހަމަޖެހިވަޑައިނުގެން ކަމަށް މައުލޫމާތު ލިބެ އެވެ.

އޭގެ ފަހުން ނިމިދިޔަ ހަފްތާ އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުވެސް އިސްތިއުފާ ދެއްވި އެވެ. ނޫރައިންގެ އިސްތިއުފާ ސިޓީއާއެކު ކުންފުނީގައި ހިންގަމުން އަންނަ އެތައް ގޯސްތަކެއް ބަޔާންކޮށްފައިވާކަމަށް މައުލޫމާތު ލިބެ އެވެ. އެ ތަފްސީލުތައް ސޯޝަލް މީޑިއާއާއި ބައެއް މެއިންސްޓްރީމް މީޑިއާތަކުންވެސް ވަނީ ހާމަކޮށްފަ އެވެ. އެހެންނަމަވެސް ރަސްމީ ސިފައެއްގައި ގޯސްތަކުގެ ވާހަކަ މީޑިއާތަކަށް ތިލަކޮށްފައެއް ނުވެ އެވެ.

ނޫރައިންގެ އިސްތިއުފާއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު، ކުޑީ މަގާމުން ވަކިކުރާށެވެ. މިނިންމުން ނިންމީ ކޮން ސަބަބަކާއި ހުރެކަމެއްވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެއާއެކު އެމްއެމްޕީއާރުސީ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް އާއެވެ.

 

އިތުރު ބަދަލުތަކެއް

އެމްއެމްޕީއާރުސީގެ އެންމެ އިސް ފަޑީގެ މަގާމުތައް ހުސްވެފައިވާއިރު އެހެން ބައެއް މަގާމުތަކަށްވެސް ނިމިދިޔަ ހަފްތާގައި ބަދަލުތަކެއް ގެނަ އެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ޝިފާޒު ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އޭނާ ސަސްޕެންޑު ކުރީ ސިޔާސީ މަގާމުތަކަށް އައްޔަނުކުރާ މީހުން އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ހިލާފުވެގެންނެވެ. ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދުވެސް މަގާމުން ވަކިކުރެއްވީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. އޭނާ ވަކިކުރެއްވީ އެހެން މަގާމަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފައިވަނިކޮށްކަމަށް މައުލޫމާތު ލިބެ އެވެ. ޝަމާހު އައްޔަނު ކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރުވެސް މަގާމުން ވަކިކުރެއްވީ ނިމިދިޔަ ހަފްތާގަ އެވެ. އޭނާ އެމަގާމުން ވަކިކުރެއްވި ސީދާ ސަބަބެއްވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

 

ސަރުކާރުގެ ދުވެލި އަވަސްކުރުން

ނިމިދިޔަ ހަފްތާގައި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައި އިރު ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޝަންގައި ތިބޭތާ ހަތަރު މަހެއްހާ ދުވަސް ވެއްޖެ އެވެ. ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފު އަދި މަހުޒޫމް މާޖިދު ސަސްޕެންޑު ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި މައްސަލައިގަ އެވެ.

ޖުމްލަކޮށް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދުއާއި ސުވާލު ދެންނެވުމުން ދެއްވީ ކުރު ޖަވާބެކެވެ. ވިދާޅުވީ ސިޔާސީ މަގާމުތަކަށް ރައީސް މުއިއްޒު ބަދަލު ގެންނަވަނީ ސަރުކާރު ހިންގުން ރަނގަޅުކޮށް، ދުވެލި އަވަސްކުރުމަށް ކަމަށެވެ. ތަފްސީލަކަށް ވަޑައިނުގަންނަވަ އެވެ.

ހީނާގެ ކުރު ޖަވާބާއިއެކު ގިނަ ސުވާލުތަކެއް އުފެދެ އެވެ. މަގާމުން ދުރުކުރެއްވި ބޭފުޅުންނަކީ ސަރުކާރު ހިންގަން ހުރަސްތަކެއް ކުރިމަތި ކުރުވާ ބަޔަކީ ހެއްޔެވެ؟ ސަރުކާރު ހިނގާ ދުވެލި ލަސްކުރުމަށް އެބޭފުޅުން މަސައްކަތްތަކެއް ކުރައްވަނީ ހެއްޔެވެ؟ ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވަނީ ހެއްޔެވެ؟

 

ގާތް ބޭފުޅުންތަކެއްގެ އަޑު މަޑުވުން

ރައީސް މުއިއްޒު އިންތިހާބާއި ކުރިމަތިލެއްވިއިރު އެންމެ އަރިހުގައި ތިއްބެވި ބޭފުޅުންތަކުގެ ތެރޭގައި ރައީސް އޮފީހުގެ ވަޒީރު އާދަމް ރަމީޒު، ޝިއުނާ، މަލްޝާ، މަހުޒޫމްގެ އިތުރުން ކުޑީ ހިމެނެ އެވެ. މި ބޭފުޅުންނަކީ މާލެ ސިޓީގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު އަރިހުގައި މަސައްކަތް ކުރެއްވި ޓީމުގެ ބޭފުޅުންނެވެ. ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުއިއްޒުއާއި ދެމެދު އުފެދިގެންދިޔަ ކޯޅުތަކާއިއެކު މުއިއްޒުގެ ދިފާއުގައި އެންމެ އިސްކޮށް ތެދުވެ ވަޑައިގެން ތިއްބެވީވެސް މި ބޭފުޅުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެންމެ ބާރަށް ކެމްޕެއިން ކުރައްވަމުން ގެންދެވީ މިބޭފުޅުންނެވެ.

ކުއްލިއަކަށް ފެނިގެން މިދިޔައީ ހުރިހާ ބޭފުޅުންގެ އަޑު ސަރުކާރުގައި ކެނޑިގެން ދިޔަ މަންޒަރެވެ. ސޯޝަލް މީޑިއާގައި އަދިވެސް ޝިއުނާ އާއި މަލްޝާ ގެންދަވަނީ ރައީސް މުއިއްޒު ދިފާއު ކުރައްވައި، ސަރުކާރު ޕްރޮމޯޓު ކުރަން މަސައްކަތް ކުރައްވާ މަންޒަރެވެ. ކުޑީ މަގާމުން ދުރުކުރެއްވުމާއިއެކު ކުރެއްވި ޕޯސްޓެއްގައިވެސް ޝިއުނާ ވިދާޅުވީ އަބަދުވެސް ހުންނަވާނީ ރައީސް މުއިއްޒުއާއެކު ކަމަށެވެ.

 

ނަތީޖާ ނެރުމަށް އިސްކަން ދެއްވުން

މިހުރިހާ މިގޮތަށް ހިނގާ ދިޔުމާއިއެކު އެއްކަމެއް ސާފުކޮށް ދަންނަވަން އިނގެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މިވަގުތު މުހިންމީ ގާތް މީހުންނެއް ނޫެނެވެ. މުހިންމީ ދިވެހި ރައްޔިތުން ހަވާލުކުރި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާނަމަ، ނުވަތަ އެއްވެސް ކަމެއް ގޯސްކޮށް ހިންގާނަމަ ދެވަނަ ފުރުސަތެއް ދިނުމަކާއި ނުލައި މަގާމުން ދުރުކުރަނީ އެވެ. ހަގީގަތުގައި މިއީ ވެރިޔަކު ނެންގެވުން މުހިންމު ނިންމުންތަކެކެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ގޯސް މައްޗަށް ގޯސް ހައްދަވަމުން ގެންދެވި ވެރިން މަތީ މަގާމުތަކުގައި ތިއްބެވުމުގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ކޮރަޕްޝަންތަކަށް ދޮރު ހުޅުވިގެން ދިޔަތަން ފެނުނެވެ.

ޖުމްލަކޮށް ރައީސް މުއިއްޒުގެ ނިންމުންތަކަކީ ހަރުދަނާ ނިންމުންތަކެއްކަމަށް ދެންނެވިދާނެ އެވެ. ސަރުކާރު ހިންގާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީވެސް އެމަނިކުފާނަށެވެ. އަނެއްކޮޅުން މަގާމުތަކުން މީހުން ވަކިކުރުމުން ދޭހަވަނީ ރައީސް މުއިއްޒު ހުރިހާ މުއައްސަސާތަކަށްވެސް ވަރަށް ރަނގަޅަށް ފާރަވެރިވެވަޑައިގަންނަވާ ކަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!