ޚަބަރު އިޖުތިމާޢީ

ބަރަހަނާ ސައިޓުތައް ބްލޮކް ކުރުމުން ލިބުނު އެއްބާރުލުން ރަނގަޅު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ވަނުން ވަނީ މަނާކޮށްފައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޖުތިމާއީ ފޭރާމަށް ގެއްލުން ލިބޭފަދަ ކޮންޓެންޓު ހުރި ވެބްސައިޓުތައް ބްލޮކް ކުރުމުން ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ވަރަށް ރަނގަޅުކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް އާންމުކޮށް ބެލެން ހުންނާނެ ގިނަ ވެބްސައިޓުތަކެއް މި ސަރުކާރުން ވަނީ ބްލޮކްކޮށްފަ އެވެ. ޓެލެކޮމިއުނިކޭޝަން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއިއެކު މަޝްވަރާކޮށް ދިވެހިން އާންމުކޮށް ވަންނަ ހުރިހާ ވެބްސައިޓުތަކެއް ފާހަގަކޮށް އެފަދަ ތަންތަނަށް ނުވަދެވޭގޮތަށް މިހާރު ވަނީ އިންތިޒާމުތައް ހަމަޖައްސައިފަ އެވެ.

މިމަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން "ދެން އޮންލައިން" އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އެންމެ ބޮޑަށް އުފާވަނީ ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމުން ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުވުމުން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގަވެސް އަޅުގަނޑުމެން މުޅި ގައުމުގެ ހައްގުގަ ނަގަންޖެހޭ ޑިސިޝަނެއް، އަޅަންޖެހޭ ފިޔަވަޅެއް އަޅާއިރުގަ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާނަން އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް، ރައްޔިތުންނަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން..." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިމަސައްކަތް ކުރުމަށްޓަކައި ފަރުދާގެ ފުރަގަހުގައި ކުރަންޖެހުނު މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އިޖުތިމާއީ ފޭރާމަށް ގެއްލުން ލިބޭނެގޮތަށް ހުރި މިފަދަ ވެބްސައިޓުތައް މުޅިން މަނާކުރުމަކީ މިދިޔަ ހަ މަސްދުވަހު ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭނެހެން ދުނިޔޭގެ އެހެން ބައެއް މުސްލިމް ގައުމުތަކުގައިވެސް ވަނީ ބްލޮކްކޮށްފަ އެވެ. މިއީ މިފަދަ އަމަލުތަކަށް ސަރުކާރުގެ ތާއީދު ނެތްކަން އާންމުކޮށް މުޅި ދުނިޔެއަށް އެންގުމަށް އިސްލާމީ ދައުލަތްތަކުން ގެންގުޅޭ ސިޔާސަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!