ދީން

"ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާއިރު ސިއްހީ މާހިރުންގެ އިރުޝާދުތަކަށް އަމަލުކުރުމަކީ ލާޒިމްކަމެއް"

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާއިރު ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުތައް ބަލައިގަނެ އެއަށް އަމަލުކުރުމަކީ ލާޒިމްކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

Ads by STELCO

ސާފުތާހިރުކަމުގެ މައްޗަށް އަލިއަޅުވާލާ މާލެއާއި ރިސޯޓްތައް ނޫން އެހެން ރަށްރަށުގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ ސިއްހީ ކަންތައްތަކާއި ސާފުތާހިރު ކަމަށް އިހްމާލު ވެވޭ ނަމަ، އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ބަލިތައް ފެތުރި ނުރައްކާތެރި ވަބާތައް އާންމުވެ، ސިއްހީ އެތަކެއް މައްސަލައެއް އުފެދޭނެކަން ކަށަވަރު ކަމަށެވެ. އަދި ބަލިތަކުން މުޖްތަމައު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތް ތެރިވެފައިވެއެވެ.

"ތިމާގެ ނަފްސާއި، ގޯތިގެދޮރާއި، މިސްކިތްތަކާއި، މަދަރުސާތަކާއި އޮފީސްތަކާއި، މަގުތައް ސާފުތާހިރުކޮށް ބަލަހައްޓައި، ސާފުތާހިރުކަމާ ފުށުއަރާ އެންމެހާ އާދަތަކުން ދުރުހެލިވާން ޖެހެއެވެ. އަދި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވެސް އެ މީހުންގެ ބެލުމުގެ ދަށުގައި ތިބޭ ބިދޭސީންނަށް ވެސް ސާފުތާހިރުވުމަށް ބާރުއަޅަން ޖެހެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

މި ދަނޑިވަޅުގައި ރައްޔިތުން ކަންބޮޑުވެ މާޔޫސްވާ ފަދަ ވާހަތައް ނުދެއްކުމާއި ސާބިތު ނުހިފޭ ދޮގު ހަބަރު ފެތުރުމާއި ތަންތަނަށް އެއްވެ، ގައިގޯޅިވެ ނޫޅުމަށް ސިއްހީ މާހިރުން ދަނީ ކަނޑަނޭޅި ނަސޭހަތްތެރި ވަމުން ކަމަށް ހުތުބާގައި ބުނެފައެވެ.

"އެފަދަ އިރުޝާދުތަކަށް އަމަލުކުރުމާއެކު، އެންމެހައި ފާފަތަކުން ދުރުހެލިވެ، މުޅި ދުނިޔެއަށް ދިމާވެފައިވާ މި ނުރައްކާތެރި ހާލަތުން މިންޖުވޭތޯ ﷲގެ ހަޟްރަތުގައި ދުއާ ދަންނަވައި، އިސްތިޣްފާރު ކުރުން ގިނަކުރާށެވެ." ހުތުބާގައި ބުނެފައި ވެއެވެ.

އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީނަކަށް ވީ ހިނދު، ސިއްހީ ގޮތުންނާއި މައުނަވީ ގޮތުން ވެސް އެ ދީން އަމުރުކޮށް ބާރު އަޅަނީ ސާފުތާހިރުވުމަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިސްލާމް ދީނުގައި ސާފުތާހިރުކަމުގެ މަންހަޖަކީ ވަރަށް ތަނަވަސް، ވަރަށް ފުރިހަމަ މަންހަޖެއް ކަމަށެވެ. އެކަން ކަނޑައަޅުއްވާފައި ވަނީ މުސްލިމުންނަށާއި މުޅި އިންސާނިއްޔަތުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!