ބިލް ބޮޑުވެގެން 6,000 އަށްވުރެ ގިނަ ޝަކުވާ

މިދިޔަ މަހުގެ ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ ޝަކުވާ ހުށައެޅި މީހުން އަދަދު 6000 އިން މައްޗަށް އަރައިފި އެވެ.
"ދެން"އަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯއިން ބުނީ ކަރަންޓު ބިލްތަކާއި ގުޅިގެން މިހާތަނަށް އެކުންފުންޏަށް ފޯންކޯލްގެ ޒަރިއްޔާއިން 659 ޝަކުވާގެ ހުށަހަޅާފައިވާ ކަމަށެވެ. މި ހުރިހާ ފޯންކޯލަކަށް ވެސް އެެޓެންޑްވެފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތުރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް 6135 ޝަކުވާ ލިބިފައިވާ ކަމަށާއި ހުރިހާ ޝަކުވާއަކަށްވެސް 24 ގަޑި އިރުތެރޭ އެޓެންޑްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ބިލްތަކާއި ގުޅިގެން ކަސްޓަމަރުންގެ ޝަކުވާއެއް އޮތްނަމަ އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ނަންބަރަށް ޓެލެގްރާމް ނުވަތަ ވަޓްސްއަޕް އާއި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.
މާލެ ސަރަހައްދުގެ ގޭބިސީތަކަށް ސްޓެލްކޯއިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.