އިޒްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ލަސްކުރުމަށް ސަރުކާރަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ބުނެފި އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވީ ފަލަސްތީނާއި ދެކޮޅަށް އިޒްރާއީލުން ކުރަމުންދާ ހަނގުރާމައާއި ގުޅިގެން އެޕާޓީން ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަންޖެހޭނެ ކަމަށެވެ. އެހެން އެއްވެސް ބިލެއް މަޖިލީހަށް ހުށަހަޅާފައި ނުވިނަމަވެސް މިއަދު މަޖިލީހުގައި އެބިލު ކުރިއަށް ގެންގޮސްފައިނުވާތީ އެކަމުގެ ކަންބޮޑުވުން މައުރޫފު ފާޅު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އިޒްރާއީލު މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދަނީ ސަރުކާރުން މިކަމުގައި ހެޔޮ ނިޔަތެއް ނެތުމުން ކަމަށާއި އިޒްރާއީލު ޕާސްޕޯޓު ބޭންކުރުން ގަސްތުގައި ލަސްކުރަން ކަމަށެވެ.
އިޒްރާއީލު ޕާސްޕޯޓު ބޭން ކުރަން ވަޒީރުންގެ މަޖިލީހުގެ ލަފަޔާއިއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމި ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ފޮނުވީ މަޖިލީހަށެވެ. މަޖިލީހުން ގާނޫނުތައް އިސްލާހު ކުރަންދެން އިޒްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނެ އެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު މިގޮތަށް ނިންމުމުން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް މިކަން ވަނީ އައިސްފަ އެވެ. އިޒްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ އެއްވެސް މީހަކު ރާއްޖެއަށް ނައުމަށް އިލްތިމާސްކޮށްފަ އެވެ.
އިޒްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރަން ރައީސް މުއިއްޒު ނިންމެވުމުން ގިނަ ބައެއްގެ ތައުރީފު އެމަނިކުފާނަށް ދަނީ ލިބެމުންކަން ފާހަގަކޮށްލެވެ އެވެ. މިއީ ކުރިން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ރައީސަކަށް ކުރަން ކެރިވަޑައިގެންނެވި ކަމެއް ނޫނެވެ.